twitterviber whatsapp telegramfacebookyoutube instagram
6th October 2024

ރައީސް މުއިއްޒު، އީރާނުގެ އާ ރައީސަށް މަރުހަބާ ދަންނަވައިފި

ނަބީލާ އިސްމާޢީލް
Jul 6, 2024

އީރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މަސްއޫދު ޕެޒެޝްކިއާން އަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕެޒެޝްކިއާން އަށް މަރުހަބާ ދަންނަވައި، ޕެޒެޝްކިއާންގެ ޒައާމަތުގައި ރާއްޖެ އާއި އީރާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އީރާނާއި މެދުއިރުމަތީގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތަކަށް ކާމިޔާބީ އަށް ވެސް އެ މެސެޖުގައި ރައީސް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

އިރާނުގެ މި ރިޔާސީ އިންތިހާބަކީ އެ ގައުމުގެ ރައީސަކަށް މީގެ ކުރިން ހުންނެވި އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި މިދިޔަ މެއި މަހުގެ 19 ގައި ހިނގި ހާދިސާގައި އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އެ ގައުމަށް އާ ވެރިޔަކު އިންތިހާބުކުރުމަށް ބޭއްވި އިންތިހާބެކެވެ.

މި އިންތިހާބު މަސްއޫދު ކާމިޔާބު ކުރެއްވީ ހަ ކެނޑިޑޭޓުންނާ ވާދަކުރައްވައި، ދެވަނަ ބުރުންނެވެ.

ދެވަނަ ބުރުގައި މަސްއޫދަށް ވަނީ 53.7 ޕަސެންޓް ވޯޓު ލިބިވަޑައިގެންފަ އެވެ. އަދި ޕެޒެޝްކިއާން އާ އެންމެ ގާތުން ވާދަކުރެއްވި ސައީދު ޖަލީލީ އަށް ލިބުނީ 44.3 ޕަސެންޓް ވޯޓެވެ.

އުމުރުން 69 އަހަރުގެ ޕެޒެޝްކިއާން އަކީ ހިތުގެ ޑޮކްޓަރެކެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އީރާން އެކަހެރި ވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ހުޅަނގާ އެކު ހަރުދަނާ ގުޅުމެއް ބިނާކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355