twitterviber whatsapp telegramfacebookyoutube instagram
6th October 2024

ސަރުކާރުގެ އިސްލާޙީ މަސައްކަތަށް އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންފި

ނަބީލާ އިސްމާޢީލް
Jul 6, 2024

ހިޖުރީ އާ އަހަރެއްގައި، އާ ކުރަންވީ އެއް އަޒުމަކީ އެއްބައިވަންތަވެ، ގައުމުގެ ކަންކަން އިސްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތޯބުގައެވެ.

މި މުނާސަބާގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުހުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސް ވަނީ ހިޖުރައިގެ މަތިވެރި ތާރީހުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

އެމަނިކުފާނުގެ ހިތޯބުގައި، ގައުމުގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، އާއިލާތަކުގެ ބަދަހިކަމަށް މަސައްކަތްކޮށް އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިސްރާފު ނުކުރުމާ، ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ގައުމުގެ އިގުތިސޯދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމާ، އައު އަހަރުގެ އަޒުމަކަށް ހަދަންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާ، ފުދުންތެރިކަމަށް ސަރުކާރުން ފަށާފައިވާ އިސްލާހީއަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުންކަން ފާހަގަކުރައްވާފައިވެއެވެ.

ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ފަލަސްތީނުގެ މުސްލިމް އަހުންނާ އުހުތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ، ހަނގުރާމައިގެ ނާމާން ހާލަތަކީ މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅިގެން އެއް އުންމަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ހިތޯބުގައި ފާހަގަކުރައްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355