ސިޔާސީ މަގާމުތަކާއި ކުންފުނިތަކަށް ހައްދެއް ނެތި މުވަޒަފުން އިތުރުކޮށް ސަރުކާރު ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ހެށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މައުރޫފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖޫން 27 ވަނަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވާތީ އެކަން ފާހަގަކުރައްވާފަ އެވެ.
މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދެއް ނަމަވެސް އެ އަދަދު އެއަށްވުރެ އިތުރު ކަމަށް މީހުން ބުނަމުންދާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު އެ އަދަދު ގާތްގަނޑަކަށް ދެހާހެއްހާ ގާތްކުރާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން،" މައުރޫފް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ގާނޫނުއަސާސީން ރައީސަށް ދީފައިވީ ނަމަވެސް އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ ކަމަށް މައުރޫފު ތުހުމަތުކުރެއްވި އެވެ.
"ސަރުކާރުން ދަނީ ހައްދެއްނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް ބޮޑެތި މުސާރައާއެކު މުވައްޒަފުން އައްޔަންކޮށް ސަރުކާރުގެ އިދާރާތަކަށް އެތަކެއް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން ކަމުގައި ދަންނަވަން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރުކޮށްފައިވާ މުވައްޒަފުންނާއި ހޭދަވާ މުސާރައިގެ ސާފުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ދޭން އިންކާރުކޮށްފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް މިމަހުގެ ހަތަރުވަނަ ދުވަހު މެމޯ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ހަމަ އެ ދުވަހު 35،000 ރުފިޔާއަށްވުރ ބޮޑު މުސާރައާއެކު ދެ ކޮންސަލްޓެންޓުން އެ ކުންފުންޏަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ފާއިތުވި ހަފުތާގައި އެކަނިވެސް އެތައް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި މުސާރައިގައި ހައްދެއް ނެތި މީހުން އައްޔަންކުރުމާއި ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ. މީގެ އިތުރުން އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަކިކުރުން ހުއްޓާލައި މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ވަޒީފާ އިއާދަކޮށްދިނުމަށް ގޮވާލާފަ އެވެ.