ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން "ގާލްސް ޓު ކޯޑް"ގެ ހއ. ދިއްދޫ އެޑިޝަން ފަށައިފިއެވެ.
ދިރާގުން ބުނީ އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިން ދަސްކޮށްދޭ މި ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި އަހަރުގެ ޕްރޮގްރާމް މިދިޔަ ހޯމަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ދިރާގުންވަނީ ބުނެފައެވެ.
ދިރާގުން ބުނީ 10 އަހަރާއި 13 އަހަރުގެ އަންހެން ކުދީންނަށް ހާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މި ދާއިރާއަށް ޝައުގުވެރި ކުރުވުން ކަމަށެވެ.
މީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް މި ޕްރޮގްރާމް މެދުވެރިކޮށް އަމަލީ ގޮތުން ކޯޑުކުރަން ދަސްވެ، ޕްރޮގްރާމް ނިމޭއިރު، އާދައިގެ ވެބްސައިޓުތައް އުފައްދަން ދަސްވާނެއެވެ.
ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓ،ީ ބިޝާރާ ހަމީދު ވިދާޅުވީ ޝާމިލު މުޖުތަމަޢުއެއް ބިނާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެ ގޮތުން ހއ. ދިއްދުއަށް ޚާއްސަކޮށްގެން ކުރިއަށްދާ މި އެޑިޝަންގެ އަމާޒަކީ އަންހެން ކުދިންނަށް ކޯޑިންގެ ހުނަރު ދަސްކޮށްދ،ީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރުދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އައު ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދ،ި ޓެކްނިލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދިއުން،" ބިޝާރާ ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ މި ޕްރޮގްރާމަކީ ހަމައެކަނި ކޯޑް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ނޫން ކަމަށާއި، ޕްރޮގްރާމްގެ ޒަރިއްޔާއިން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް ބާރުވެރިކުރުވާނެ ކަމަށެެވެ.
ގާލްސް ޓު ކޯޑް ދިއްދޫއަކީ މި ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ވަނީ ފުވައްމުލައް، ގދ. ތިނަދޫ، ހދ.ކުޅުދުއްފުށި އަދި ލ. އަތޮޅުގައި ވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.