ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުޅުދުއްފުއްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދައިވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ދެއްވައިފި އެވެ.
ވެމްކޯގެ ހިދުމަތްތައް ރަސްމީކޮށް ކުޅުދުއްފުށީގައި ފެށުމަށް ބުރާސްފަތިދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ސިޓީތަކަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެގޮތުން އުތުރުގެ މައި ހަބަކީ ކުޅުދުއްފުށި ކަމަށެވެ.
އާބާދީ ބޮޑެތި ރަށްތަކަށް އިސްކަން ދީގެން އެ ރަށްތައް ތަރައްގީކޮށްގެން ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށާއި ތަރައްގީގެ މަގުގައި އެންމެ ބާރަށް ކުރިއަށް ދެވޭނީ ތަރައްގީ އާއި އާބާދީ އެއްފަސްކޮށްގެން ކަމަށް ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ބޭނުންފުޅުވަނީ އާބަން ސެންޓަރުތަކުން މާލެއާ އެއް ފެންވަރުގެ ހިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމުކުރުން ކަމަށާއި އެގޮތުން އުތުރާއި ދެކުނު ހިމެނޭހެން އާބަން ސެންޓަރުތައް ގާއިމުކުރުމުން މާލެއަށް ތޮއްޖެހުން ކުޑަވެ، އެކަށީގެންވާ ކުރިއެރުމާއި ތަރައްގީ ދިވެހިންނަށް ލިބޭނެ ކަމަށެވެ.
އެ މަސައްކަތް ރައީސް މުއިއްޒު މެދުކެނޑުމެއް ނެތި ކުރައްވަމުން ގެންދަވާ ކަމަށާއި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަނީ ބާރު ސްޕީޑުގައި ވައުދުތައް ފުއްދާ މަންޒަރުކަމަށް މަޖިލިސް ރައީސް އަބުދުއްރަހީމް ވިދާޅުވި އެވެ.
ކޮންމެ ސަރުކާރަކުން ފަށާފައިވާ މަސައްކަތަކަށްވާނަމަވެސް އެކަމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމަކަށް ވާނަމަ އެކަމެއް ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތުގައި ކުރިއަށް ގެންދިޔުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމަށާއި ރައީސް ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކުރެއްވުމުގެ މަގުސަދުގައި ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަނީ ބާރު ސްޕީޑުގައި ވައުދުތައް ފުއްދާ މަންޒަރުކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ތަކުރާރުކުރައްވާ ވިދާޅުވި އެވެ.