މި ޕްރޮޖެކްޓްގެ ތެރެއިން ކުރަން ނިންމާފައިވާ މަގަތުފާލަމާއި ޕޯޓް ބިލްޑިން މަސައްކަތް ކުރިއަށް ނުގެންދަން މިސަރުކާރުން ނިންމާފައިވާކަމަށް ރިލްވާން ވިދާޅުވި.
ކުޅުދުއްފުށީ ޕޯޓްގައި ކުރީގެ ސަރުކާރުން ހެދި ގަރާޖަކީ ބޯޓްޔާޑެއްކަމަށް ނިންމުމުން ދޭހަވަނީ ޕޯޓް ހިންގުމަށް ބޭނުންވާ ވަސީލަތް ތަރައްގީކުރުމުގެ އެއްވެސް ވިސްނުމެއް މިސަރުކާރުގައި ނެތްކަމުގައިކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުގައި ކުޅުދުއްފުށީ ޕޯޓް ތަރައްގީކުރުމުގެ ގޮތުން ގަރާޖަކާއި މަގަތުފާން އަދި ޕޯޓް ބިލްޑިންގ އާއި ޕޯޓްފެންސް ހިމެނޭހެން ޕްރޭންކޮށް އެމްޓީސީސީއާ ހަވާލުކުރި އެވެ. އަދި އެ ޕްރޮޖެކްޓް އެމްޓީސީސީން ކުރިއަށްގެންދިޔައީ އެކި ފޭސްތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ނިންމާލީ ގަރާޖެވެ.
އެކަމަކު އެ ގަރާޖް މިހާރު ބޭނުންކުރަން ނިންމާފައިވަނީ ބޯޑްޔާޑެއްގެ ގޮތުގައިކަމަށް ނިންމާ އެމްޕީއެޕްގެ ސީއީއޯ މުހައްމަދު ވަޖީހް އިބުރާހިމް ވިދާޅުވީ، އެ ބޯޓްޔާޑުގެ ހިދުމަތް މިމަހު ފެށޭނެކަމަށެވެ.
އެކަމާ ގުޅިގެން ކައުންސިލް މެންބަރު މުހައްމަދު ރިލްވާން (ރިލޭ) މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޕީއެލުން އިއުލާންކުރި ކުޅުދުއްފުށީ ބޯޓްޔާޑަކީ 25 ޖުލައި 2023 ގައި މަސައްކަތް ފަށައި، މި ސަރުކާރު ފެށުނުއިރުވެސް 95 އިންސަތަ ނިމިފަ ހުރި ކޭޕީއެލްގެ ވެހިކަލް ގަރާޖް ނުވަތަ ވޯކްސޮޕްކަމަށެވެ އެ އިމާރާތުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ކެމެރާ ހަރުކުމާ އިލެކްޓުރިކް މަސައްކަތްތަކަށެވެ.
"އެހެންނަމަވެސް ހިތާމަޔަކީ، މި ޕްރޮޖެކްޓްގެ ތެރެއިން ކުރަން ނިންމާފައިވާ މަގަތުފާލަމާއި ޕޯޓް ބިލްޑިން މަސައްކަތް ކުރިއަށް ނުގެންދަން މިސަރުކާރުން ނިންމާފައިވާކަމެވެ. އަދި މިއަދު ވެހިކަލް ގަރާޖަކީ ބޯޓްޔާޑެއްކަމަށް ރަސްމީކޮށް އެކުންފުނިން އިއުލާންކުރުމުން ދޭހަވަނީ ޕޯޓް ހިންގުމަށް ބޭނުންވާ ވަސީލަތް ތަރައްގީކުރުމުގެ އެއްވެސް ވިސްނުމެއް މިސަރުކާރުގެ ނެތްކަމެވެ." ރިލޭ ވިދާޅުވި އެވެ
އޭނާ ވިދާޅުވީ މިސަރުކާރުން އާ ޕޮރޮޖެކްޓެއް ނުފަށައި ކުރިން ކުރަމުންދިޔަ ގިނަ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އަދި ނިމިފައިވާ މަސައްކަތެއްނަމަ ނަންބޯޑު ބަދަލުކޮށްލާއިރު މަޖިލިސް މެންބަރުން މިކަމާ ސީރިއަސްވެ ރަށުގެ ދިފާއުގައި އަޑުއުފުލައި މަސައްކަތް ކޮށްދެއްވުމަށް ރިލޭ އެދިލެއްވި އެވެ.
އަދި ސިޔާސީ ކޮންމެ ފިކުރެއްވިޔަސް ރަށުގެ ކަންކަމުގައި ސަރުކާރު ބޭނުންހާ ގޮތަކަށް ދީލާނުލާ ކުޅުދުއްފުށި އިސްކޮށްދެއްވުމަށް މަޖިލިސް މެންބަރުގެ އަރިހުން އޭނާ އެދިލެއްވި އެވެ.
ރިލޭ ވިދާޅުވީ ކުރިންވެސް ކުޅުދުއްފުށީ ޕޯޓްގެ ތަރައްގީއަށް ކުރިއެރުމެއް ލިބެން ފެށީ އޭރުގެ މެންބަރު ޔާސިރު ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިގެން ކަމަށާއި އެގޮތުން ގާނޫނު ބަދަލުކޮށް ކުޅުދުއްފުށްޓަށް ގެންނަ މުދަލުން %50 ޑިއުޓީ މާފުކުރުމާއި، ބަނދަރު ތަރައްގީކުރުން މަޑުޖެހިފައިވާތީ މަޖިލީހަށް ޤާރާރު ހުށަހެޅުމުގެ އިތުރުން ސަރުކާރުގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
ކޭޕީއެލްގައި ހެދި ގަރާޖް ބޯޓްޔާޑަކަށް ބަދަލުކުރުމުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.