ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް އެތެރެކޮށް، ވިއްކާ އަދި ބޭނުންކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެލެގްރާގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓް ކޮށްފައިވާ ކަމަށެވެ.
އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ އެލެގްރާގެ ބެޗުތަކެކެވެ. އެ ބެޗުތަކަކީ، AL1223019, AL1223029 އަދި AL1223060 އެވެ.
އެހެންކަމުން އެ ތިން ބެޗު ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ އިއުލާނުކޮށްފައެވެ.
އެ ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭގެ އީމެއިލް މެދުވެރިކޮށް އެންގުމަށް ވެސް ވަނީ އެދިފައެވެ.
އެ އޮތޯރިޓީން ބުނީ ބޭހާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު، 7200321 އަށް ގުޅުމަށް އެދޭ ކަމަށެވެ.
އެލެގްރާ ސަސްޕެންޝަނަކީ އެލާޖިކްވުމުގެ ސަބަބުން ދިމާވާ ތަފާތު އަލާމާތްތަކަށް ފަރުވާ ދިނުމަށް ދޭ ބޭހެކެވެ. މި ބޭސް އާއްމުގޮތެއްގައި ދެނީ ކުޑަކުދިންނަށެވެ. ބޭސް ދޭ ހާލަތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ލޮލުގައި ރިއްސުން ނުވަތަ ލޯ ރަތްވުން އަދި އާދައިގެ ރޯގާ ހިމެނެއެވެ.