ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށީ ކުލަބު ކޮރަލްސްއާއި ނޭކުރަންދޫ ކުލަބު ސެނޮން ބައްދަލުކުރި މެޗުގައި ދެލަނޑު ސުންލަނޑުގެ ތަފާތަކުން ކުރީގައި އޮއްވައި ފަހަތުން އަރައި ކޮރަލްސް އިން ސެނޮންއާ އެއްވަރުކޮށްފި އެވެ.
ދެގުރޫޕަށް ބަހާލައިގެން ޖުމްލަ 8 ޓީމުގެ މެދުގައި ކުރިއަށްދާ މިމުބާރާތް ހުޅުވުމަށް އިއްޔެ ކޮރަލްސް އަދި ސެނޮން ބައްދަލުކުރި މެޗު ނިމުނީ 2 - 2 އެއްވަރުވެގެން ނިމުނުއިރު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެވެ.
މެޗު ފެށިގެން ފުރަތަމަ މޮޅަށް ކުޅެމުންދިޔައީ ކުލަބް ސެނޮން އެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ކުރީކޮޅު 2 ލަނޑުގެ ލީޑެއް ނަގައިފަ އެވެ. 32 ވަނަ މިނެޓުގައި ސެނޮންގެ ޖިނާހް އާދަމް އެޓީމަށް ލީޑު ނަގައިދިންއިރު އޭގެ ދެ މިނެޓްފަހުން ރިޝްވާން ވަނީ މެޗުގެ ނަތީޖާ އެޓީމަށް ފުޅާކޮށްދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ކޮރަލްސްގެ ތައުމީމް ނޫހް ވަނީ މެޗުގެ ފޯރިގަދަކޮށް ކޮރަލްސްއަށް އުއްމީދު އާކޮށް ދީފަ އެެވެ. އެގޮތުން ދެވަނަ ހާފަށް ކޮރަލްސްއިން ނުކުތީ ކުޅުން ރަނގަޅުކޮށް ވަރުގަދަ ރޫހެއްގަ އެވެ.
މެޗުގެ ފަހުކޮޅު އެއްކޮށްހެން ޑޮމިނޭޓް ކުރަމުން ދިޔަ ކޮރަލްސްއަށް މެޗުން ޕޮއިންޓެއް ހޯދައިދީ އެޓީމު ސަލާމަތްކޮށްދިނީ އެޓީމުގެ ބޭރު ކުޅުންތެރިޔާ ޗަމޯދު ދިލްޝަން އެވެ. މީގެ އިތުރުން ވެސް ދެޓީމަށް ލަނޑުޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ.
ހާއްސަކޮށް ކޮރަލްސްގެ ޖިނާ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އަތަށެވެ. މީގެ އިތުރުން ކޮރަލްސްގެ ޒައިދު އާއި ޒައިން އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.
މިމެޗުގައި ސެނޮންގެ ފަރާތުން ރަނގަޅު މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެޓީމަށް ތަފާތު ދައްކައިދިނީ މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކި ޖިނާހް އެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ވެސް ހޯދީ އޭނާ އެވެ.
މިމުބާރާތް ކުރިއަށްދަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. މުބާރާތުގެ ލައިވް ކަވަރޭޖް ކުޅުދުއްފުށީގެ ސިޓީ ކައުންސިލްގެ ޔޫޓީއުބް ޕޭޖުން ގެނެސްދެ އެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 20000 ރުފިޔާ ހުށަހެޅިފައިވެ އެވެ.