ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މާއްޓޭ ސްޕޯޓްސް ކޮޅަށް 10 ލަނޑު ޖަހާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ހަނިމާދޫއާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު ނިމުނީ 10 - 1 ން ހަނިމާދޫ މޮޅުވެގެންނެވެ.
މުޅި މެޗު ކޮންޓްރޯލްކޮށްގެން ހަނިމާދޫއިން ކުޅުނުއިރު މި މެޗުގައި ހަނިމާދޫގެ ފަރާތުން ފެނިގެންދިޔައީ ރީތި ކުޅުމެކެވެ. އެއްވެސް ޕްރެޝަރެއް ނެތި ހަމަޖެހިލައިގެން ކުޅެމުންދިޔަ ހަނިމާދޫގެ ޓީމުން މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގި އެވެ.
އެގޮތުން މެޗު ފެށިގެން 6 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ހާލިދު އެވެ. ނަމަވެސް ހަނިމާދޫއަށް ލީޑުގައި އޮވެވުނީ 4 ވަރަކަށް މިނެޓު ވަންދެނެވެ. ހަނިމާދޫގެ ޑިފެންސަށް ހެދުނު ގޯހެއްގައި މާއްޓޭ ސްޕޯޓްސްގެ އިސްމާއީލް އަހްސަން (އައްބެ) ދިން ބޯޅަ އަކުން އެޓީމުގެ އަސްޖައު މޫސާ ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މިއަށްފަހު މާއްޓޭ ސްޕޯޓްސްއިން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލަން މަސައްކަތް ކުރި ނަމަވެސް އެޓީމުން އުފައްދަން މަސައްކަތް ކުރި ހުރިހާ ހަމަލާއެއް ވެސް ހަނިމާދޫގެ ވަރުގަދަ ޑިފެންސުން ވަނީ ނާކާމިޔާބު ކޮށްލާފަ އެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ހަނިމާދޫއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކި އެޓީމުގެ ޖޯޒީ ނަންބަރު 12 އަލީ ހުސައިން އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2 - 1 ން ހަނިމާދޫ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ވެސް ހަނިމާދޫއިން ފެށީ ކުރިއަށްވުރެވެސް ވަރުގަދަކޮށެވެ. އެގޮތުން ހާފު ފެށިގެން 2 މިނެޓު ތެރޭގައި އަލީ ހުސައިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.
އޭގެ ދެ މިނެޓްފަހުން ހަނިމާދޫގެ ނައުފަލް ލަނޑެއް ކާމިޔާބުކުރިއިރު މެޗުގެ 50 ވަނަ މިނެޓުގައި ނާއިލް ޔޫސުފް ވަނީ އެޓީމުގެ 5 ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ 6 ވަނަ ލަނޑު ވެސް އޭގެ 8 މިނެޓު ފަހުން ޖަހައިދިނީ ނާއިލް އެވެ.
މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދައްކަމުން ދިޔަ ހަނިމާދޫގެ އަލީ ހުސައިން ވަނީ އެޓީމުގެ 7 ވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓުގައި ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިމެޗުގައި ހަނިމާދޫގެ ބާކީ ލަނޑުތައް ކާމިޔާބުކުރީ އަލީ ހުސައިންގެ އިތުރުން އެޓީމުގެ ނައުފަލް އާއި މޫސާ ކައުޔާޝް ކައިލް އެވެ. ނައުފަލްގެ ލަނޑަކީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.
މިމެޗަކީ މިހާތަނަށް ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ފެނުނު އެންމެ ގިނަ ލަނޑު ފެނިގެން ދިޔަ މެޗަށްވީއިރު މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އަލީ ހުސައިން އެވެ. އޭނާ ވަނީ މުޅި މެޗުގައި 4 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މިހާތަނަށް މިމުބާރާތުގައި ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ހިރިމަރަދޫ ކުލަބު ޑޮމިނޭޓާސް އެވެ. އަދި ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.
މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީގެ ދެޓީމު ކަމުގައިވާ މަންޓާ ސްޕޯޓްސް އެކަޑަމީއާއި ކުލަބް ކޮރަލްސް އެވެ. ކޮރަލްސް ވަނީ ކުޅުނު ފުރަތަަމަ މެޗުގައި ކުލަބް ސެނޮން އާއި އެއްވަރުވެފަ އެވެ. އަދި މަންޓާ ކުޅުނު ފުރަތަަމަ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އެހެންކަމުން މިމެޗަކީ މި ދެޓީމަށް ވެސް މުހިއްމު މެޗަކަށް ވާނެ އެވެ.