ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުލަބް ތިލަދުންމަތި ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފި އެވެ.
މިމެޗު ހަނިމާދޫއިން ކާމިޔާބު ކުރީ ފަހުވަގުތު ޖެހި ދެލަނޑާއެކު 2 - 0 ންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ މޮޅުކުޅުމެއް ދައްކާފަ އެވެ.
ހަނިމާދޫއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ތިލަދުންމަތިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފުރަތަަމަ ހާފު ގޯލެއް ފެނިގެން ދިޔަ ކަމުގައި ނުވި ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ފަހިކޮށްފަ އެވެ.
ހާއްސަކޮށް ހަނިމާދޫއަށް ފުރަތަަމަ ހާފު ވަނީ ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ދެވަނަ ހާފަށް ދެޓީމުން ވެސް ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށް މޮޅުވުމުގެ އަމާޒުގަ އެވެ.
މެޗުގެ ފުރަތަަމަ ލަނޑު ފެނިގެން ދިޔައީ 85 ވަނަ މިނެޓުގަ އެވެ. ހަނިމާދޫއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ނާއިލް ޔޫސުފް އެވެ. ހަނިމާދޫ ކުޅުނު ދެމެޗުގައި ވެސް ނާއިލްގެ ފަރާތުން މޮޅުކުޅުމެއް ފެނުނު އިރު ފުރަތަަމަ މެޗުގައި ވެސް އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި 2 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފަހު ލަނޑު ހަނިމާދޫއަށް ޖަހައިދިނީ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ހަސަން އެވެ. މުހައްމަދު ހަސަންގެ ފަރާތުން ވެސް މޮޅުކުޅުމެއް ފެނިގެން ދިޔައިރު ހަނިމާދޫއިން މިވަނީ ކުޅުނު ދެމެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
މިއަދުގެ މޮޅާ އެކު ހަނިމާދޫއަށް މިވަނީ މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރުވެފަ އެވެ. އަނެއްކޮޅުން ތިލަދުންމަތި މިއަދުގެ މެޗުން ބަލިވުމާއެކު އެޓީމަށް ވަނީ ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވެ އަމިއްލަ ބާރު ގެއްލިފަ އެވެ. އެޓީމުން ދެން ކުޅޭ މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތް އިރު އެޓީމަށް ސެމީގެ ޖާގައެއް ކަށަވަރުވާނީ ގްރޫޕްގެ ހުރިހާ މެޗުތަކެއް ނިމުމުންނެވެ.
މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖާ މާއްޓޭ ސްޕޯޓްސް އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.