ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ޒިގްޒެގް ބަލިކޮށް ކުލަބް ޑޮމިނޭޓާސް އިން ކާމިޔާބުކޮށްފައިވަނިކޮށް މެޗް ނިމުނުފަހު ޒިގްޒެގްގެ އޮފިޝަލަކު ދަނޑަށް އަރައި ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ބޯވާރޭގައި ކުޅުނު މިމެޗުގައި އެންމެފަހުގެ ޗެމްޕިއަން ޒިގްޒެގް ބަލިކޮށް ކުލަބް ޑޮމިނޭޓާސް އިން ކާމިޔާބުކުރީ 2-1 ލަނޑުގެ ތަފާތަކުންނެވެ. މެޗުގެ ނިމުނުތަނާހެން ޒިގްޒެގްގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު މުހައްމަދު ވަނީ ދަނޑަށް އަރައި ރެފްރީ ގައިގައި ކޮޅު ފައިން ޖަހައި މާރާމާރީން ހިންގާފަ އެވެ.
އެވަގުތު އޭނާ ހުއްޓުވަން ޒިގްޒެގްގެ އެހެން އޮފިޝަލުންނާއި ކުޅުންތެރިން މަސައްކަތްކުރި އެވެ. މެޗް ކުރިއަށްދިޔައިރުވެސް އަދި ނިމުމަށްފަހުވެސް ޒިގްޒެގްގެ އެހެން ބައެއް އޮފިޝަލުންނާއި ކުޅުންތެރިންވެސް ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކުރި މަންޒަރު ފެނުނެވެ. އެ ކުޅުންތެރިންނާއި އޮފިޝަލުން ހަމައަކަށް އަޅުވައި ދުރުކުރަން ފުލުހުންނާއި ޒިގްޒެގް އޮފިޝަލުންވެސް މަސައްކަތްކުރި އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ޒިގްޒެގުންނެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޕްރިންސެވެ. ފުރަތަމަ ހާފް ނިމެމުން ދަނިކޮށް ޑޮމިނޭޓާސްގެ މުހައްމަދު ނަޝީދު (ފޯވާޑް) ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަކޮށްދީފަ އެވެ. އެކަމަކު ދެވަނަ ހާފު ކުޅެން އަރައި ފޯވާޑް ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައި ޑޮމިނޭޓާސް އިން ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ.