ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މިއަދު އެންމެ ފަހުގެ ޗެމްޕިއަން ޒިގްޒެގް އަތުން މޮޅުވެ ހިރިމަރަދޫ ކުލަބު ޑޮމިނޭޓާސްއިން މުބާރާތުގެ ފައިނަލުގެ ފުރަތަަމަ ޖާގަ ހޯދައިފި އެވެ.
މިއަދުގެ މެޗު ޑޮމިނޭޓާސްއިން ކާމިޔާބުކުރީ ފަހަތުން އަރާ 2 - 1 ންނެވެ. މިއަދުގެ މެޗު ފާހަގަވެގެން ދިޔައީ މިފަހަރުގެ މުބާރާތުން ފެނިގެން ދިޔަ އެންމެ ފޯރިގަދަ އަދި އެންމެ ހޫނު މެޗެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑް ނެގީ ޒިގްޒެގުންނެވެ. 26 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޖެހި ބޯޅަ ޕްރިންސް ބޯޑު ބޮލުގައި ޖެހިފައި ނުކުތް ވަގުތު އެޓީމުގެ ލާބީ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
މިލަނޑާއެކު ޑޮމިނޭޓާސްއިން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިސާކް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ފޯވާޑް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
ފުރަތަަމަ ހާފު ނިމުނީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ. ދެވަނަ ހާފަށް ދެޓީމުން ވެސް ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. މިހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުން ނުކުރެވުނުއިރު މެޗުގައި ޑޮމިނޭޓާސްއިން ލީޑު ނެގީ މެޗުގެ ފަހުކޮޅު އެވެ.
މެޗުގެ 77 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ލިބުނީ ވެސް ފޯވާޑް އަށެވެ.
ޑޮމިނޭޓާސްއިން މިވަނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަޓުވާލުމަށްފަހު ފައިނަލަށް ދަތުރުކޮށްފަ އެވެ. ފައިނަލުގައި އެޓީމާ ދެކޮޅަށް ނުކުންނަ ޓީމެއް އެނގޭނީ މާދަމާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ކުލަބް ކޮރަލްސް ބައްދަލުކުރާ ސެމީގެ ދެވަނަ މެޗަށް ފަހުގަ އެވެ.