މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ދެވޭ ގޮތަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިސްލާމްދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދައި، އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
"އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ!،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ދ ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓަށް އަންގާފައިވާ ކަމަށް ކޯޓުން އޭނާ ފޮނުވި އީމެއިލްގައި ބުނެފައިވަނިކޮށެވެ.
ޖޭއޭ އިން ހުޅުދެލި ކޯޓަށް ވަކި އެންގުމެއް އެންގީ އެ ކޯޓުގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ މައުލޫމާތާ އެކު އެމީހުން އަޅާ ހެދުމުގެ މައުލޫމާތު ކޯޓުން ޑީޖޭއޭއާ ހިއްސާކުރުމުންނެވެ.
ޑީޖޭއޭއާ ހަވާލާދީ ކޯޓުން އަންހެން މީހާއަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.
"ކެންޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ކޯޓުގެ އީމެއިލްގައިވެ އެވެ.