twitterviber whatsapp telegramfacebookyoutube instagram
27th June 2026

ބަލި މީހެއްގެ އެހީތެރިޔަކު ކޭއާރުއެޗްގެ ޑޮކްޓަރަކަށް ހަމަލާދިން މައްސަލައެއް ބަލަނީ!

އަބްދުލް ވާހިދު ޙަސަން
Aug 22, 2024
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހެއްގެ އެހީތެރިޔަކު ޑޮކްޓަރެއްގެ އަތުގައި ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ކޭއޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކުރިމަތިވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ކުއްޖެއްގެ ހާލަތު ޑޮކްޓަރު ކިޔައިދެމުންގޮސް ފޯނު ނެގުމުންނެވެ.

"އެކުއްޖާގެ ހާލަތު ކިޔައިދެމުންގޮސް ޑޮކްޓަރު ފޯނު އަތަށް ނެގީ. އެވަގުތު ބަލި މީހާގެ އެހީތެރިޔާ ޑޮކްޓަރުގެ އަތުގަ ޖެހުމުން ފޯނުވެސް ވެއްޓުނު." މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

މާރާމާރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ވަނީ ކޭއާރުއެޗުން ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުން ބަލަމުންދާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުންވެސް ނުދެ އެވެ.

އެކަމަކު އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުދަދުވަހުގެ ރޭ އެހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލި މީހެއްގެ އެހީތެރިއެއްގެ ފަރާތުން އެވަގުތު ހިދުމަތް ދެމުންގެންދިޔަ ޑޮކްޓަރަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުމެއް ލިބޭނެފަދަ އަމަލެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ކަމަކީ ހޮސްޕިޓަލުން ނުހަނު ގާތުން ބަލައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355