އަދުގެ ހަގީގަތަކީ ކާމިޔާބު ކުއްޖަކަށްވުމަށް އިލްމާއި އެއްވަރަށް މުޖުތަމައުއަށް އަހުލުވެރި ކުއްޖަކަށްވެސް ވާން ޖެހޭކަމުގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވެއްޖެ އެވެ.
އަފީފުއްދީން ސްކޫލްގެ 'ފޭމް ނައިޓް' ހަފުލާގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް އަދުނާން ވިދާޅުވީ، އިލްމީ ފެންވަރަށް އެކަނި ބަލައި އެއީ ކާމިޔާބު ކުއްޖެއްގެ ގޮތުގައި ނުބެލޭނެކަން އެއީ އަދުގެ ހަގީގަތްކަމަށާއި ކާމިޔާބު ކުއްޖަކަށްވުމަށް އިލްމާ އެއްވަރަށް މުޖުތަމައުއަށްވެސް އަހުލުވެރި ކުއްޖަކަށްވާން ޖެހޭކަމަށެވެ.
" މި ކަންތައްތައް މި ކުރެވެނީ ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުން ރަނގަޅު ނަތީޖާތަކެއް ހޯދޭ ކުދިންނަށް. އޭގެ މާނައަކީ ދަރިވަރުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަމަކީ މުހިންމު ކަމެއް ނޫނެކޭ ނޫން. އެއީ ވަރަށް މުހިންމު ކަމެއް ހަގީގަތުގައިވެސް." ޕްރިންސިޕަލް ވިދާޅުވި އެވެ.
އިތުރު ހަރަކާތްތަކުން ދަރިވަރުންނަށް މުހިންމު ފައިދާތަކެއް ލިބޭކަމަށާއި އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އެ ކުއްޖެއްގެ ހުނަރު މަތިކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭކަމުގައި އަދުނާން ވިދާޅުވި އެވެ. ކިޔަވާ ދުވަސްވަރު ކުޅިވަރު ބައެއް ހަރަކާތްތަކުގައި ބައިވެރިވީމަ އޭގެ ސަބަބުން ކުއްޖަކާއި އެކުއްޖެއްގެ މުސްތަގުބަލާއި ބެހޭގޮތުން ވަރަށް ގިނަ ދިރާސާތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާ ޕްރިންސިޕަލް ވިދާޅުވީ، އެއިން ކޮންމެ ދިރާސާއެއްގައިވެސް އިތުރު ހަރަކާތްތަކުގައި ހުރި މުހިންމުކަން ބަޔާންކޮށްދީ، ލިބޭ ފައިދާތައް ބަޔާންކޮށްދީފައިވާ ކަމަށެވެ.
" އެގޮތުން ކުދިންނަށް ލިބޭ ފައިދާތަކުގެ ތެރެއިން މި ފަދަ ހަރަކާތްތަކުގައި އަމަލީ ގޮތުން ޝާމިލްވެ އުޅޭ ކުދިންގެ ކިޔެވުމުގެ ނަތީޖާވެސް ރަނގަޅުވެގެންދޭ. މި ފަދަ ހަރަކާތެއްގައި ބައިވެރިނުވެ ހުސްއެކަނި ކިޔަވާ ކުއްޖަކަށްވުރެށް މިފަދަ ހަރަކާތެއްގައި ބައިވެރިވެގެން އުޅޭ ކުދިންގެ ތައުލީމީ ހަޔާތުގައި ލިބޭ ކާމިޔާބީތައް ގިނަ."
އަދުނާނު ވިދާޅުވީ، ކުޅިވަރު ހަރަކާތްތަކުގައި އުޅޭ ކުދިންނަށް ވަގުތަށް ކަމޭހިތުންމާއި ވަގުތަށް ކަންކަން ބަހާލައިގެން ކުރުމަށް ފަސޭހަ ވެގެން ދެއެވެ. އަދި ހަމަ އެއާ އެކީގައި މިފަދަ ހަރަކާތްތަކުގައި އުޅޭ ކުދިނަށް އެ ކުދިންގެ ސިފަވަންތަކަން، ތަރައްގީކުރުމުގައިވެސް ވަރަށްބޮޑަށް މަސައްކަތް ކުރުމަށް އެހީވެދީ، އެކުދިންނަކީ އަހުލާގީގޮތުން ރަނގަޅު މުޖުތަމައު ބަލައިގަންނަ ކުދިންތަކަކަށްވުމަށް އެހީތެރިވެދޭ ކަމަށެވެ.
އިތުރު ހަރަކާތްތަކުގައި އުޅޭ ދަރިވަރުންގެ ވިސްނުން ތަރައްގީވެގެން ގޮސް އުޅުން ބަހައްޓަންވީ ގޮތްތައް އެނގި، އޭގެ ސަބަބުން ފިލާވަޅުތަކާއި ގެންދަންވީ ގޮތް ދަސްވެ ނަތީޖާ ރަނގަޅުވުމުގައި ބާރަކަށްވެގެންދާ ކަމަށެވެ. އަދި އިތުރު ހަރަކާތްތަކުގައި އުޅޭ ކުދިންނަށް މުޖުތަމައުގައި އުޅޭ އެހެން ފަރާތްތަކާއި އެކީ އުޅެންވެސް ދަސްވުމާއި މުޖުތަމައުގެ ދުވަސްވީ މީހުންނާއި ޒުވާނުންނާއެކު އުޅެން ދަސްވެގެންދާކަމުގައި ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ.