twitterviber whatsapp telegramfacebookyoutube instagram
17th September 2024

ކާމިޔާބު ހާސިލުކުރުމަށްޓަކާ އެންމެ މުހިންމުކަމަކީ ރަނގަޅު އަހުލާގެއް ހިފެހެއްޓުން: އާތިފް

އަބްދުލް ވާހިދު ޙަސަން
Aug 31, 2024

ކާމިޔާބު ހާސިލުކުރުމަށްޓަކާ އެންމެ މުހިންމުކަމަކީ ރަނގަޅު އަހުލާގެއް ހިފެހެއްޓުންކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީ ދެވަނަ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބުކުރައްވައި މޭޔަރު އާތިފް ވިދާޅުވީ، އެންމެ މުހިންމުކަމަކީ އަހުލާގްކަމަށާއި ކޮންމެ ކަމެއްކުރިކަމުގައިވިޔަސް ކާމިޔާބު ހާސިލުވާނީ ރަނގަޅު އަހުލާގެއް ހިފަހައްޓައިގެން ކަމަށެވެ.

"ކިޔެވުމުގައިވިޔަސް މަސައްކަތުގައިވިޔަސް ކުޅިވަރެއްވިޔަސް ކޮންމެކަމެއްގައިވެސް އެންމެ މައިގަނޑު ބިންގަލަކީ އެ ކުއްޖެއްގެ އަހުލާގް. އޭގެ ތެރެއިންވެސް އިސްލާމްދީނުގެ ރިވެތި އަހުލާގް އަޅުގަނޑުމެން ހިފަހައްޓަން ޖެހޭ." ދަރިވަރުންނަށް ނަސޭހަތްތެރިވަމުން މޭޔަރު ވިދާޅުވި އެވެ.

އެގޮތުން ކިޔެވުމާއި ނިދުމާއި ޕްރެކްޓިކްސްގެ އަހުލާގައި މީހުންނާ މުއާމަލާތްކުރުމުގެ އަހުލާގު ހިފަހައްޓަން ޖެހޭ ކަމަށާއި އެކަން ހަނދާނުގައި ބަހައްޓަން އަބަދުވެސް ގަދައަޅާ މަސައްކަތްކޮށްފިނަމަ ހަމަ ޔަގީންވެސް ތިޔައިން ކޮންމެ ކުއްޖަކީވެސް ކާމިޔާބު ދަރިވަރަށް ކުރިއަށް އޮތްތަނުގައިވާނެކަމުގައި މޭޔަރު ވިދާޅުވި އެވެ.

މިފަދަ މުބާރާތްތަކަކީ ހަގީގަތުގައި މުބާރާތެއްގައި ވާދަކުރުން އެކަނި ފިޔަވާ ބައިވަރު އިތުރު ފައިދާތަކެއް ދަރިވަރުންނަށް ލިބިދޭ މުބާރާތްތަކެއްކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، ސްކޫލްގެ ތައުލީމީ މާހައުލުން ބޭރުން ލިބޭ ފިޒިކަލް އެޑިއުކޭޝަނަކީ ހަގީގަތުގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ނުހަނު މުހިންމުކަމެއް ކަމަށާއި ހާއްސަ ދަރިވަރުން ކިޔެވުމުގެ މަރުހަލާ ނިންމާ މުޖުތަމައުއަށް ނުކުންނައިރު އާންމު ދިރިއުޅުމުން މިފަދަ މުބާރާތްތަކުން ލިބޭ ފައިދާ ފެންނާނެކަމީ ޝައްކެތް އޮތްކަމެއް ނޫން ކަމުގައި މޭޔަރު ވިދާޅުވި އެވެ.

މުބާރާތްތަކަށް މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މޭޔަރު ހާއްސަ ޝުކުރެއް:

ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރާއި ސަރަހައްދީ އަދި އަތޮޅު ފެންވަރުގައި ގިނަ މުބާރާތްތަކެއް ކުޅުދުއްފުށީގައި ބާއްވާއިރު ރައްޔިތުންނާއި މުއައްސަސާތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް މޭޔަރު އާތިފް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އެގޮތުން ސްވިމިން ފަދަ ބޮޑު މުބާރާތެއް ކާމިޔާބުކަމާއެކު ނިންމާލެވިގެންދިޔައީ ރައްޔިތުންނާއި މުއައްސަސާތަކުގެ ބޮޑު އެއްބާރުލުމެއް ލިބިގެންކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އެގޮތުން ސިޓީ ކައުންސިލަށް މިފަދަ ކަންކަމުގައި އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ލިބޭ، ސްޓޭޑިއަމް، ފުލުހުން، ކޭއާރުއެޗް، ދިވެހި ރެޑްކުރެސެންޓް، ޕަބުލިކް ވާރކްސްގެ ނަން މޭޔަރު ފާހަގަކުރެއްވި އެވެ. އަދި ސްވިމިން މުބާރާތުގައި މި މުއައްސަސާތަކުގެ އިތުރުން ކޭޕީއެލް، އައިބީއެމް އަދި ސްކޫލްތަކުގެ ނަންތައްވެސް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.

އަބަދުވެސް ހުރިހާ މުއައްސަސާތަކުން މި ލިބޭ އެއްބާރުލުމާއި މިއޮތް ބަދަހި ގުޅުމާއެކު މިއަށްވުރެ އުސްހަރުފަތަކަށް ދެވޭނެކަމުގައި މޭޔަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355