twitterviber whatsapp telegramfacebookyoutube instagram
19th September 2024

ސިއްހީ ހިދުމަތް ދިނުމަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

Sep 4, 2024

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މިދިޔަ މަހުގެ 22ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

މި ބިލުން، ކުރީގެ ގާނޫނުގައި ބަޔާންކުރާ ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމު ގާއިމުކުރުމުގެ މަގްސަދު އިތުރަށް ފުޅާވާނެއެވެ. އެ ގޮތުން މި ނިޒާމުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށް ބޭނުންވާ ސިއްހީ ހިދުމަތާއި ވަސީލަތްތައް ރައްކާތެރި، އަދި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

މި އިސްލާހުގެ ދަށުން ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތީން ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސްއެވެ. އަދި ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް އައްޔަނުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، އެ މަގާމުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، އެ ނޫންވެސް އެ މަގާމާ ގުޅޭ އިޖުރާއީ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމަކީ ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމަކަށް ހެދުމަށްޓަކައި އެ ނިޒާމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މި ނިޒާމު ބިނާކޮށް ތަރައްގީކުރެވިގެންދާނެ ގޮތާއި، އެ ނިޒާމުގެ ދަށުން ލިބިދެވޭ ފަރުވާއާއި ހިދުމަތްތަކާއި ވަސީލަތްތައް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް ޓަކައި އެކަމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށް ގަވާއިދެއް ހެދުމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއާގެ ހިދުމަތުގެ ތެރޭގައި އާންމު ސިއްހީ ނިޒާމުގެ ތެރޭގައި ހިމެނޭ ޕްރައިމަރީ، ސެކަންޑަރީ އަދި ޓާޝަރީ ފަރުވާއާއި، އޭގެ ދަށުން ފޯރުކޮށްދެވެނޭ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ އަސާސްތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، މި ހިދުމަތް ފޯރުކޮށްދިނުމުގައި ވަކި މިންގަނޑުތަކެއް ހުންނަންޖެހޭނެ ކަމާއި، މި މިންގަނޑުތައް ކަނޑައަޅައި، ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ މައްޗަށް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ.

އޭގެ އިތުރުން، އާބާދީގެ ނިސްބަތުން ކަމާބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މިންވަރަށް، ރާއްޖޭގެ ސިޓީތަކުގައި މިނިސްޓްރީން ޕްރިވެންޓިވް ކެއާގެ ހިދުމަތް ފޯރުކޮށްދެވޭނެ ފަންނީ މީހުން ހިމެނޭ ޕްރައިމަރީ ކެއާގެ ހިދުމަތް ދެވޭނެ މަރުކަޒުތައް ގާއިމުކުރަންވާނެކަމާއި، މި ހިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި، ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ދެމެހެއްޓުމަށް މި ނިޒާމު ހިނގާނުހިނގާ ގޮތް މޮނިޓާކުރުމުގެ ޒިންމާ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރަންސަށް މި ބިލުން ވަނީ މަތިކޮށްފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމަށް މީހަކު އައްޔަނު ކޮށްފައިވާނަމަ، އަދި އެއީ މި ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ މީހެއް ނަމަ، މި ގާނޫނުގެ ބޭނުމަށް ޓަކައި އެ މީހަކު މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ މަގާމަށް އައްޔަނުކުރެވިފައިވާ ފަރާތެއްކަމުގައި ބެލެވޭނެ ކަމަށް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355