ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ހުސައިން ޞަލާޙުއްދީންގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަރުވައިފިއެވެ.
ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ހުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ހުސައިން ޞަލާޙުއްދީން ކުރައްވައިފައިވާ ގައުމީ ހިދުމަތަށްޓަކައެވެ. ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ހާއްސަ ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.
ފަޟީލަތުއްޝައިޚު އަލްމަރްޙޫމް ހުސައިން ޞަލާޙުއްދީނަކީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ. އެމަނިކުފާނަކީ ދިވެހި ގައުމުގެ ނަމޫނާ ދަރިއެއްގެ އިތުރުން ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވި ސިޔަރަތަށް ބަލައިލުމުން ވެސް އެމަނިކުފާނުގެ އިލްމުވެރިކަމާއި އަރަބި ބަހާއި ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަފުޅުކަން ސާބިތުވެއެވެ.