ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މަގުތަކަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުހައްމަދު އަމީން ވަނީ، މި ހާދިސާގައި ނިޔާވި ޒުވާނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާފައެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭގަ ހިނގާދިޔަ އެސިޑެންޓްގައި މި ދުނިޔެ ދޫކުރި ޒުވާނާ ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން.
— Mohamed Ameen (@ameen3d) September 6, 2024
ރައީސް @MMuizzu ދެއްވި އިރުޝާދާ އެއްގޮތަށް، މަގުތަކަކީ ރައްކާތެރި އަމާން…
މިނިސްޓަރު ކުރެއްވި ޕޯސްޓުގައިވަނީ ރައީސްގެ އިރުޝާދާ އެއްގޮތަށް މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ޓަކައި، ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ތަންފީޒީ އިދާރާތަކާ ގުޅިގެން އަޅާނެ ކަމަށެވެ.
އަދި ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް، މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ. އެ ޕޯސްޓުގައިވަނީ މަގުތަކަކީ އެންމެނަށް ރައްކާތެރި، އަމާން ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.
ބުރާސްފަތިދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ. އޭނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.