ޑިޖިޓައިޒޭޝަނަކީ ގައުމީ ތަސައްވަރުގެ ބިންގަލެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އޮފް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް-ޑިރިވަން ފިއުޒާ ފޯ މޯލްޑްސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައިފައެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ޑިޖިޑަޓަލައިޒޭޝަނުން މުސްތަގްބަލް ބައްޓަންވަމުންދާ ގޮތުގެ މިސާލެއް ރާއްޖެއިން ދައްކަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެ ބައެއް ވަސީލަތް މިހާރު ވެސް ބިނާވެފައިވަނީ ޑިޖިޓަލައިޒޭޝަންގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"ޑިޖިޓަލައިޒޭޝަންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެސް ދަނީ ގިނަގުނަ މަންފާތަކެއްވަމުން. ދިވެހިން ދިރިއުޅުމުގެ ކޮލެޓީ ވެސް ދަނީ ރަނގަޅުވަމުން. ޑިޖިޓަލައިޒޭޝަންގެ އަމާޒަކީ ޑިޖިޓަލް ލިޓްރޭސީން ރައްޔިތުން ބާރުވެރިކުރުވުމާއި، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އުފެއްދުންތެރިންނާއި އިނޮވޭޓަރުން ކުރިއަށް ނެރުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނަށް އަހުލުވެރި ކުރުމަށް ޒުވާނުން ތަމްރީން ކުރަމުންދާ ކަމަށެވެ. އަދި ގައުމުގެ މައިބަދަ ކަމުގައިވާ އަންހެން ކަނބަލުން ވެސް ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ ބަދަލުތަކާއި ކުރިމަތިލުމަށް ވެސް ޓެކްނޮލަޖީއަކީ މިހާރު ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އެގޮތުން ކުރިއާލައި އިންޒާރުދޭނެ ސިސްޓަމާއި ސްމާޓް ޓެކޮނަލަޖީން މޫސުމީ ބަދަލުތަކާކުރިމަތިލުމަށް ފަސޭހަވެގެންދާ ކަަމަށް ވިދާޅުވިއެވެ. އެ ވަސީލަތްތަކުގެ އެހީގައި ފާގަތި މުޖްތަމައެއް ބިނާކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓެކްނޮލަޖީގެ ސަބަބުން ރާއްޖެއަށް ގިނަ ގުނަ ކުރިއެރުންތަކެއް ލިބި ދިވެހިންގެ ދިރިއުޅުމަށް ވެސް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.