twitterviber whatsapp telegramfacebookyoutube instagram
19th September 2024

ވަރުގަދަ ކޮރަލްސްގެ އަތުން ބަލިވިނަމަވެސް މަގުލަހުގެ ޒުވާން ކުޅުންތެރިން ދެއްކީ ހިތްވަރުގަދަ ކުޅުމެއް

މުޙައްމަދު އަހުމަދު
Sep 10, 2024

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ 5 ވަނަ މެޗުގައި މިއަދު ކުލަބް ކޮރަލްސްއިން މަގުލަސް ކޮޅަށް 8 ލަނޑު ޖަހާ ފަސޭހަ މޮޅަކާއެކު ގްރޫޕްގެ އެއްވަނައަށް ޖެހިލައިފި އެވެ.

ކުލަބް ކޮރަލްސްގެ ފަރާތުން މިމެޗުގައި ރީތި ތަރުތީބު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ.

ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއެކު މުބާރާތަށް ނުކުތް މަގުލަހުން ވެސް ވަނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މަގުލަހަށް ބަލާލާއިރު އެޓީމަކީ އެއްކޮށްހެން 25 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. 25 އަހަރުން މަތީގެ ހިމެނެނީ އެންމެ 3 ކުޅުންތެރިއެކެވެ. އަދި ޓީމުގައި އެންމެ ގިނައީ އުމުރުން 15، 16 އަހަރާއި ދެމެދުގެ ކުދިންކަން ފާހަގަކުރެވެ އެވެ.

ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއެކު ނުކުމެ އެޓީމުން ހިތްވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް މުބާރާތުގައި އެޓީމުން މިހާތަނަށް ކުޅުން ދެމެޗުން ވެސް މިވަނީ ބަލިވެފަ އެވެ. މިއާއެކު އެޓީމަށް މިމުބާރާތުގައި އިތުރަށް ކުރިއަށް ނުދެވޭނެ އެވެ.

މިއަދުގެ މެޗުގައި ކޮރަލްސްއިން 8 ލަނޑު ޖަހައިފައިވާ އިރު އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ލާބީ އާއި އެޓީމުގެ ޒުވާން ކުޅުންތެރިޔާ ސާލިމް މުހައްމަދު (ލިމޭ)، މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ހެޓްރިކެއް ހަދާފަ އެވެ. އެޓީމުގެ އަނެއް ދެލަނޑު ޖަހައިދިނީ އަމްޖަދު މުހައްމަދު (އަމްޖޭ) އާއި އަސްވަދު ރަޝީދު (އަސްލޭ) އެވެ.

މިއަދުގެ މެޗުގައި ސާލިމް މުހައްމަދު (ލިމޭ) ގެ ކުޅުން ފާހަގަކޮށްލެވެ އެވެ. ހެޓްރިކް ހަދާފައިވާއިރު އޭނާ ޖަހައިދިން ތިން ލަނޑަކީ ވެސް ވަރަށް ހިތްގައިމު ރީތި ލަނޑު ތަކެކެވެ. އެގޮތުން މެޗުގައި ލިމޭގެ ފުރަތަމަ ގޯލަކީ 2 ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ރޮނގުމަތިން ގޯލުގެ ދުރުން ތިރީ ކަނަށް އަމާޒުކޮށްލާފަ ފޮނުވާލި ހަމަލާ އެކެވެ. އަނެއް ދެލަނޑަކީ ވެސް ގޯލުގެ ކަނަށް އަމާޒުކޮށްލާފަ ފޮނުވާލި ބާރުގަދަ ހަމަލާތަކެކެވެ.

މިމެޗުގައި މަދުން ނަމަވެސް މަގުލަހަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ހާއްސަކޮށް މެޗުގެ ފަހުކޮޅު އެޓީމުގެ އަނޫސް ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ. އަދި އެޓީމުގެ ޝާހީން ބަޝީރުއަށް ހުސްކޮށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ކުލަބް ކޮރަލްސްގެ ޒުވާން ކުޅުންތެރިޔާ ސާލިމް މުހައްމަދު (ލިމޭ) އެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.

މިއާއެކު ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވެގެން ކުލަބް ކޮރަލްސް ވަނީ ގްރޫޕްގެ އެއްވަނައަށް 4 ޕޮއިންޓާއެކު ޖެހިލާފަ އެވެ. ގްރޫޕުގެ ދެވަނައިގައި އޮތީ ފުރަތަމަ މެޗުން މަގުލަސް އަތުން މޮޅުވެ އެއްމެޗު މަދުން ކުޅެގެން 3 ޕޮއިންޓާއެކު ކުމުންދޫ ސްޕޯޓްސް ކްލަބެވެ.

މިގްރޫޕުގެ ތިންވަނައިގައި އެއް މެޗު މަދުން ކުޅެގެން އެއް ޕޮއިންޓާއެކު އޮތީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މަގުލަސް ކުލަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355