ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި މިއަދު ހިރަފުސް ސްޕޯޓްސް ކުލަބާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗުގައި ރެފްރީގެ ނިންމުމާ ހިތްހަމަނުޖެހިގެން ފަހުވަގުތު ނެއްލައިދޫ ޓީމުން ދަނޑުން ފައިބައިފި އެވެ.
މިއަދުގެ މެޗު ނެއްލައިދޫ ކުޅުންތެރިން ރެފްރީގެ ނިންމުމާ ހިތްހަމަ ނުޖެހިގެން ދަނޑުން ފޭބިއިރު މެޗުގެ ނަތީޖާ އޮތީ 3 - 3 އެއްވަރުވެފަ އެވެ.
ނެއްލައިދޫ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރީ މެޗުގެ ފަހުކޮޅު ދެއްކި އިތުރު ވަގުތުގެ 3 މިނެޓުގެ ތެރެއިން ފަހު މިނެޓުގައި އެޓީމުގެ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ ރެފްރީ ހިރަފުސް ސްޕޯޓްސް ކްލަބަށް ޕެނަލްޓީއެއް ދިނުމުންނެވެ. މިކަމާ ގުޅިގެން މެޗުގެ އޮއިވަރު ބަދަލުވެ ހޫނުވި އެވެ.
ނެއްލައިދޫގެ ކުޅުންތެރިން ރެފްރީއާ ދިމާލަށް ދިޔަ އެވެ. އެއަށްފަހު ހިތްހަމަ ނުޖެހުން ފާޅު ކުރުމަށްފަހު ކުޅުންތެރިން ވަނީ ދަނޑުން ފައިބައިފަ އެވެ. ދެފަހަރެއްގެމަތިން ރެފްރީ ކުޅުންތެރިން އަނބުރާ ދަނޑަށް އެރުމަށް އެންގުމަށް ފަހު ނޭރުމުން ރެފްރީ ވަނީ މެޗު ނިންމާލާފަ އެވެ.
މެޗު ނިންމާލަން ޖެހުނީ ޕެނަލްޓީ ވެސް ނުޖަހާކަން ފާހަގަކޮށްލެވޭއިރު މިކަމާ ގުޅިގެން ހިރަފުހުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗު ނިމިގެން ދިޔައީ 3 - 3 ން އެއްވަރުވެގެންނެވެ.
މުބާރާތް ހިންގާ ކޮމިޓީން މިމެޗާ މެދު އަދި ގޮތެއް ނިންމާ ހާމަކޮށްފައެއް ނުވެ އެވެ. އަދި މިހާތަނަށް މިކަމާ ބެހޭ ގޮތުން އެއްވެސް ބަޔާނެއްވެސް އަދި ނެރެފައެއްނުވެ އެވެ.
ނަމަވެސް ފާހަގަކޮށްލެވުނީ ނެއްލައިދޫ ޓީމުން މެޗު ދޫކޮށްލާފައިވާ ކަމެވެ. މިކަމާ ގުޅިގެން ނެއްލައިދޫއަށް ބޮޑު ޖޫރިމަނާއެއް އައުން އަދި މިމެޗުން ޕޮއިންޓެއް ނުލިބުން ވެސް އެކަށީގެންވެ އެވެ. މެޗުގެ ކޮމެންޓޭޓަރު ވެސް ވަނީ ނެއްލައިދޫގެ ފަރާތުން ފެނިގެންދިޔައީ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއްކަން ފާހަގަ ކޮށްފަ އެވެ.