twitterviber whatsapp telegramfacebookyoutube instagram
19th September 2024

ތަސްލީމް ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން އެދިއްޖެ

ނަބީލާ އިސްމާޢީލް
Sep 14, 2024

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 43 އަހަރުގެ މުހައްމަދު ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަސްލީމު ގެއްލިގެން 30 އޮގަސްޓު 2024 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި އެއާއި އެކީ ވަގުތުން ތަސްލީމު ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ތަސްލީމު ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާރޑަށް އެ މައުލޫމާތު ހިއްސާކޮށްގެން ޑައިވިންގ ޓީމުން ވަނީ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލާފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ މަހުގެ 30ގައި 13:20ހާއިރު ގެއްލިގެން ރިޕޯޓުކުރި ތަސްލީމް ހޯދުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލް ހާމަކޮށްފައެވެ.

އެ ބަޔާނުގައި ވަނީ، ތަސްލީމް ދަތުރު ގޮސް އުޅުނު ފަސްގަނޑާއި މޫދު ސަރަހައްދު ޑައިވްކޮށްގެން ފުލުހުންނާއި އެމްއެންޑީއެފުން ބަލައިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެމްއެންޑީއެފުން މިދިޔަ މަހުގެ 31އާއި މިމަހުގެ އެކަކާއި ހަ ވަނަ ދުވަހު، 943،998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތަސްލީމް މާލެއިން އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހު 17:00އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައެވެ. އެ ދަތުރުގައި އޭނާ ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ތަހުގީގަށް އެނގިފައިވެއެވެ.

އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް ފަސްގަނޑުގައި ތިބި ކަމށާއި އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45އާއި 9:00އާ ދޭތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10:00 އާއި 11:00އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަސް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ އެ މީހުން އޭނާގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ބުންޏެވެ.

"އަދި ތަސްލީމް މާލެ ނާންނަކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ. މި މައްސަލައާ ގުޅިގެން ތަހުގީގުގައި، ތަސްލީމް މުހައްމަދާއެކު ދަތުރުދިޔަ މީހުންނާ ސުވާލުކުރުމުގެ އިތުރުން، އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވެއެވެ." ބަޔާނުގައިވެއެވެ.

މީގެ އިތުރުން ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެސިން ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި، އޭނާއާއި އިތުރު ބަޔަކު ދަތުރު ދިޔުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އޭނާ އާންމުކޮށް މާލޭގައި ގޮސް އުޅޭ ސަރަހައްދުތައް ބަލައި، އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެނީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ޓަކައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355