ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) September 15, 2024
ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރަން ފެށީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެއްވި ދުވަހުން ފެށިގެންނެވެ.
އޭގެފަހުން މިވީ 17 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ތިން ބާރު ވަކިކުރެވި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ.
ޑިމޮރެޓިކް ނިޒާމެއްގައި އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުން ކަމަށްވާއިރު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ރައްޔިތުން ވޯޓުން ހޮވުމަށް ފުރިހަމަ ބާރުވެރިކަން މިހާރު ވަނީ ލިބިދީފަ އެވެ.
2007 ވަނަ އަހަރު އދ. އިން ވަނީ ސެޕްޓްމެބަރު މަހުގެ 15 ވަނަ ދުވަހަކީ ބައިނަގްއަގްވާމީ ޑިމޮކްރަސީ ދުވަަސްގެ ގޮތުގައި ކަނޑައަޅައިފައެވެ. މިއި ޑިމޮކްރަސީގެ އުސޫލުތައް ކުރިއަރުވައި ދެމެހެއްްޓުމުގެ މަގްސަދުގައި ފާހަގަކުރާ ދުވަހެކެވެ.
މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރު ހާއްސަ ކޮށްފައި ވަނީ "ހެޔޮ ވެރިކަމެއްގައި އާޓިފިޝަލް އިންޓަލިޖެންސް ވަސީލަތެއްގެ ގޮތުގައި އޮތުމުގެ މުހިންމު ކަމުގެ" މައްޗަށެވެ.