twitterviber whatsapp telegramfacebookyoutube instagram
19th September 2024

އެފްޓީއޭއާ އެކު ޗައިނާއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ

ނަބީލާ އިސްމާޢީލް
Sep 17, 2024

ރާއްޖެ އިން ޗައިނާއާއެކު ގާއިމުކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އާ އެކުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެމްއޯޔޫ އެއްގައި ދާދި ފަހުން ވަނީ ސޮއިކޮށްފައެވެ.

މި އެމްއޯޔޫގެ ދަށުން ދެ ގައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކުރެވި، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ދެކެއެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކުގައި ބޭއްވެވި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އެއްބާރުލުން އިތުރަށް ފުޅާ ކުރުމަށް މަޝްވަރާ ކުރެއްވިއެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މަޝްވަރާ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރުމާ މެދުގައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެ މަޝްވަރާތަކަށް ފަހު ސޮއިކުރި އެމްއޯޔޫއާ އެކުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާ އިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި ދިވެހިން ދަތުރުފަތުރު ކުރުމުގައި ލިބިގެންދާ ލުއިތަކާއި ހިދުމަތް ހޯދުމުގައި ދިވެހި ފައިސާ އިން ދެއްކޭނެ ގޮތް މެދުވެރިވުމާއި މުދާ ގަތުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެ، ވިޔަފާރިވެރިންނާއި ޗުއްޓީ ހޭދަކުރުމަށް ޗައިނާ އަށް ދާ ދިވެހިން ޑޮލަރުން މުއާމަލާތް ކުރުމުގެ ބަދަލުގައި ދިވެހި ރުފިޔާ އިން މުއާމަލާތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

"މިހާރުވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެމުން އެބަދޭ. ނަމަވެސް ރާއްޖެއާއި ޗައިނާއާ އެކުގައި އެފްޓީއޭއާއި އެކީގައި، އަމަލު ކުރަން ފެށުމާއެކު އެއް ބިލިއަން ޑޮލަރަށް މި އަދަދު މަތިވެގެން އެބަދޭ." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355