twitterviber whatsapp telegramfacebookyoutube instagram
22nd September 2024

'ހަށިހެޔޮ' ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 22, 2024

ހަށިހެޔޮ ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. މިއަހަރު މި ޕްރޮގުރާމް ކުރިއަށްގެންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފުލުހުން އަދި ދިވެހި ރެޑްކުރެސެންޓާ ގުޅިގެންނެވެ.

ބަލިތަކުން ރައްކާތެރިވެފައިވާ ސިއްހަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށްޓަކާ ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގަ ކުރިއަށްގެންދާ މި ޕްރޮގުރާމަކީ 30 ދުވަހުގެ ޕްރޮގުރާމެކެވެ.

އަންނަ މަހުގެ 1 ން 31 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހެވެ. ޕްރޮގުރާމުގައި ބައިވެރިވުމަށް ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް (އިރުއޮއްސި 6:00 އިން ހެނދުނު 06:00 އަށް) ގުޅައިގެން ނަންނޯޓު ކުރެވޭނެ އެވެ.

މޫދު ކަސްރަތާއި އެއްގަމު ކަސްރަތު ހިމެނޭނެހެން ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ނަންނޯޓު ކުރަން ހަމަޖެހިފައިވަނީ ކޮންމެ ކެޓަގަރީއަކަށް ވަކިވަރަކަށެވެ.

"މި އަހަރު ޕްރޮގުރާމް އެހެން އަހަރުތަކަށްވުރެށް ފެންވަރު ރަނގަޅު އަދި ކޮލެޓީ ޕްރޮގުރާމަކަށް ހެދުމުގެ މަގުސަދުގައި ޓްރެއިނަރުންނަށް މެނޭޖްކުރަން ފަސޭހަވާނެހެން ބައިވެރިންގެ އަދަދު ލިމިޓްކޮށްފައިވާނީ" ކޭއާރުއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވި އެވެ.

އެގޮތުން ވޯޓާރ އެރޮބިކްސް ނުވަތަ މޫދު ކަސްރަތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 100 މީހުންނަށެވެ. އަދި ފިޒިކަލް ޓްރޭނިން ނުވަތަ އެއްގަމު ކަސްރަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 160 މީހުންނަށެވެ.

ކޭއާރުއެޗުން ބުނީ ވޯޓާރ އެރޮބިކްސް ނުވަތަ މޫދު ކަސްރަތު ބޮޑަށް އަމާޒުކޮށްފައިވާނީ ކަކޫ ނުވަތަ ފަޔަށް އަނިޔާއެއް ލިބިފައިވުމުގެ ސަބަބުން ފިޒިކަލް ޓްރޭނިން ނުވަތަ އެއްގަމު ކަސްރަތުގައި ބައިވެރިވުމަށް ދަތިވާ ފަރާތަކަށް ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މީހަކަށްވެސް މޫދު ކަސްރަތުގައިވެސް ހަމަ ބައިވެރިވެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ ޕޮލިހުގެ ޓްރޭނަރުންނާއެކު ކުރިއަށްގެންދާ މި ޕްރޮގުރާމަކީ އެއްވެސް ފީއެއް ނުނަގާ ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މިއީ މި ގޮތަށް މި ޕްރޮގުރާމު ހިންގާ 3 ވަނަ ފަހަރެވެ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި ޕްރޮގުރާމުގައި ބައިވެރިވެވޭނެ ކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355