twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ކޮފްސީ ސިރަޕް ބޭނުންކުރަން ހުއްދަދީފި

ނަބީލާ އިސްމާޢީލް
Sep 29, 2024

ރާއްޖޭގައި މަނާކުރި ކޮފްސީ ސިރަޕުގައި މައްސަލައެއް ނެތުމުން، އެ ބޭސް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފި އެވެ.

ކެއްސާތީ ކުޑަކުދިންނަށް ވެސް ދޭ އެ ބޭސް ބޭނުން ކުރުމާއި ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މަނާކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ގަ އެވެ. އޭރު އެ ބޭސް މަނާކުރީ އެ ބޭހުން ކުނޑިތަކެއް ފެނިގެން، އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކަ އެވެ.

އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން މާކެޓުން ލިބެންހުރި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި، އިތުރު ޓެސްޓްކޮށް ބަލަންޖެހޭ ބެލުންތައް ބަލާފައިވާ ކަމަށެވެ. އަދި އެ ބޭހުގައި މައްސަލައެއް ނެތްކަން މިހާރު ދެނެގަނެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

"އެހެންކަމުން، މިއަދުން ފެށިގެން، ކުރިއެކޭ އެއްގޮތަށް މި ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ." އެ އިއުލާނުގައިވެ އެވެ.

މީގެ ކުރިން ވެސް އެމްއެފްޑީއޭ އިން ވަނީ ބައެއް ބޭސްތައް ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފަ އެވެ.

އޭރު ބޭސް މަނާކޮށްފައިވަނީ އެ މައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެނެވެ.

އެ ބޭހަކީ އިންޑިއާގެ ޗެންނާއީގެ އުފެއްދުމެކެވެ. މި ވައްތަރުގެ ކޮފްސީ ސިރަޕަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355