ކުޑަ ކުއްޖަކު ބަރަހަނާކުރުމަށް ފަހު އެ ކުއްޖާއަށް އަނިޔާކޮށް، ބްލެކްމެއިލްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރޭ ސޯޝަލް މީޑިއާގައި ފެންމަތިވި މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ ހާދިސާއާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފޭސްބުކްގައި ރޭ ދައުރުވަމުންދާ މެސެޖެއްގައި ބުނީ ހަމަދް ބިން ހަލީފާ އަލް ޘާނީގައި ކިޔަވަމުންދާ ދަރިވަރަކު ދިރިއުޅޭ ގެއަށް އެހެން ދަރިވަރަކު ވަދެ އެ ކުއްޖާ ރަހީނުކޮށްގެން އެހެން ތަނަކަށް ގެންގޮސް ބަރަހަނާކޮށް، ފައިސާ އަތުލަން ބިރުދައްލައި ބްލެކްމެއިލްކޮށްފައިވާ ކަމަށެވެ.
ރަހީނުކުރި ދަރިވަރަކީ އެ ސްކޫލު ޓީޗަރެއްގެ ދަރިފުޅު ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ވަނީ މިސްކިތެއްގެ ތެރޭގައި ކުއްޖަކު ނަމާދަށް ހުއްޓައި އޭނާ އެ ތަނުން ނެރެ، ގައިގައި ތަޅައި އަނިޔާކުރާ އިހާނެތި ވީޑިއޯއެއް އާންމުވެފަ އެވެ. އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބެލި އެވެ.