twitterviber whatsapp telegramfacebookyoutube instagram
18th October 2024

މަތީ ސާނަވީއަށް ކިޔަވަންފެށި ދަރިވަރުން އިތުރުވެއްޖެ

ނަބީލާ އިސްމާޢީލް
Oct 2, 2024

އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު އޭލެވެލް ކިޔަވަން ފެށި ކުދިންގެ އަދަދު 70 ޕަސެންޓު އިތުރު ވެފައިވާ ކަމަށާއި ފާއިތުވި އަހަރުތަކާއި އަޅަބަލާއިރު މި އަހަރަކީ އެންމެ ގިނަ ކުދިން މުދައްރިސުކަމުގެ ކޯހަށް ވާންނާނެ އަހަރުކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އިއްޔެ ފެށި "7 އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާ ހަރުދާނާކޮށް، މަތީ ތައުލީމާ ގުޅޭ ކުދިންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ، ތައުލީމީ ނިޒާމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުދައްރިސުންގެ ދަތިކަންކަމަށެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިހާރު ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮންމެ 8 ދަރިވަރަކަށް މުދައްރިސެއް ކިޔަވައިދެމުން ދާކަމަށެވެ.

މާލެ ސަރަހައްދުގައި ކޮންމެ 18 ނުވަތަ 19 ދަރިވަރަކަށް މުދައްރިސެއް ކިޔަވައިދެމުންދާއިރު އަތޮޅުތަކުގައި ކޮންމެ 6 ދަރިވަރަކަށް ނުވަތަ 2 ދަރިވަރަކަށް މުދައްރިސަކު ކިޔަވައިދެމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއީ މި ސަރަޙައްދުގެ އެެއްވެސް ގައުމެއްގައި މުދައްރިސުން ކިޔަވާ ދެމުން ނުދާ ވަރެއްކަމަށެވެ.

ރާއްޖޭގައި މިހާވަރަށް މުދައްރިސުން މަސައްކަތް ކުރާއިރުވެސް އަބަދުވެސް މުދައްރިސުންގެ ދަތިކަން ކުރިމަތިވާކަމަށާއި އެގޮތުން ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ސްޕެޝަލައިޒް މުދައްރިސުންނަށް ބެލިކަމުގައި ވީނަމަވެސް 250 އެއްހާ މުދައްރިސުން މަދުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދޭ މުދައްރިސުންވެސް ނިސްބަތުން މަދުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ، ގްލޯބަލް ޕާޓްނަޝިޕް ފޯރ އެޑިޔުކޭޝަން، ޖީޕީއީއާއެކު ކުރެވުނު މަސައްކަތުން ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް 5 މިލިޔަން ޑޮލަރު އެހީގެ ގޮތުގައި ހޯދިފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ މުދައްރިސުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް މި އެހީއިން އެކަށީގެންވާ އަދަދެއް ކަނޑައަޅާފައިވާކަމަށެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިނގުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމުތަކުން ކުރި މަސައްކަތުން މި އަހަރު އަމާޒު ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މުދައްރިސުން ކޯސްތަކަށް ވަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމް ހިނގުމަށް މިނިސްޓްރީގެ ޓީމުތަކުންނާއި އަޅުގަނޑުމެން އޭލެވެލް ސުކޫލްތަކުން ކުރެވުނު މަސައްކަތުން އަޅުގަނޑުމެން މި އަހަރު ޓާގެޓް ކަނޑައަޅާފައިވާ 120 ކުދިންނަށް ވުރެ ގިނައިން 130 ކުދިން މި އަހަރު އަލަށް މިވަނީ ޓީޗިން ހެދުމަށް ވަދެފައި. މިއީ މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު އެންމެ ގިނަ ކުދިން މުދައްރިސުންގެ ކޯސްތަކަށް ވަންނާނެ އަހަރު." މިނިސްޓަރު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، މުދައްރިސުންގެ އަގުވަޒަން ކުރެވިގެން ނޫނީ ކިޔަވައިގެން ނިކުންނަށް ކުދިންގެ ޝަޢުގުވެރިކަން މި ދާއިރާއަށް ނުއުފެއްދޭނެކަމަށެވެ.

އެގޮތުން ދުނިޔޭގެ އެންމެ ރަނގަޅު އެޑިޔުކޭޝަން ސިސްޓަމްތައް ޤާއިމުވެފައި އޮތީ މުދައްރިސުންގެ އަގު އެންމެ ރަނގަޅު ގޮތުގައި އަދާ ކުރާ ގައުމުތަކުގައިކަމަށް ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކާކަމަށް ވަޒީރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355