twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ޚިޔާލު: ކުޅުދުއްފުށީގެ އާ ތިންވަނަ ޖާގައެއްގެ ގޮތުގައި އާންމު ކުތުބުހާނާ

ކުޅުދުއްފުށީގެ މި އާ ޖާގައަކީ ދުޅަހެޔޮކަމަށް އަމާޒުކޮށްފައިވާ އިވެންޓްތަކާއި، އަދަބީ ބައްދަލުވުންތަކާއި، އަދި އުފެއްދުންތެރިކަމާއި އުގެނުމަށް ވަގުތުތަކެއް ހޭދަކުރުމަށް މަގުފަހިކޮށްދޭ މުޖުތަމަޢުގެ ބައިވެރިވުމުގެ ޙަރަކާތްތަކަށް މަރުކަޒަކަށްވެއެވެ. މިސާލަކަށް، ކުޅުދުއްފުށި އަދަބީ ބައްދަލުވުން ނުވަތަ 'ލިޓަރަރީ ސެލޯން" އަކީ ބައިވެރިވާ މީހުންނަށް ފުން މަޝްވަރާތަކުގައި ބައިވެރިވެ، ޚިޔާލު ބަދަލުކޮށް، އަދި އަދަބިއްޔާތާމެދު ވިސްނުމަށް މަގުފަހިކޮށްދޭ އެއްވުމެކެވެ.

Oct 3, 2024
ލިޔުނީ: ޢަބްދުﷲ އާދަމް (އެޑަމް)

ކުޅުދުއްފުށީގައި ދާދި ފަހުން ޤާއިމްކޮށްފައިވާ ޕަބްލިކް ލައިބްރަރީއަކީ ރަށަށް ވަރަށް ބޭނުންވެފައިވާ ތަނެކެވެ. ހަމައެކަނި ފޮތްތަކުގެ ކަލެކްޝަނަކަށްވުރެ ބޮޑަށް، މި ލައިބްރަރީން 'ތިންވަނަ ޖާގަ' ނުވަތަ ތާރޑް ސްޕޭސް އެއްގެ ގޮތުގައި ވެސް ރަށަށް އަދި މުޖުތަމައުއަށް ފައިދާ ކުރެއެވެ. 'ތިންވަނަ ޖާގަ' ނުވަތަ ތާރޑް ސްޕޭސްއަކީ އަޅުގަނޑުމެންގެ ގެތަކާއި (ފުރަތަމަ ޖާގަތައް / ފަސްޓް ސްޕޭސް)، އަދި މަސައްކަތްކުރާ ތަންތަނާ (ދެވަނަ ޖާގަތައް /ސެކަންޑް ސްޕޭސް) ވަކިން ހުންނަ، އިޖުތިމާޢީ މާޙައުލުތައް ސިފަކުރުމަށް ބޭނުންކުރާ ބަހެކެވެ. ޒުވާނުންނާއި ބޮޑެތި މީހުން ވެސް ގިނަ ފަހަރަށް މައިގަނޑު މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގެ ގޮތުގައި ކެފޭތަކަށް ދިއުމާއި ނުވަތަ ރަށް ވަށާ ސައިކަލު ދުއްވުމަށް އަހުލުވެރިވެފައިވާ މުޖުތަމަޢެއްގައި، ލައިބްރަރީން، އާ އަދި ވަރަށް ބޮޑަށް ބޭނުންވެފައިވާ ބަދަލެއް ހުށަހަޅައެވެ.

ރަށްފުށުގައި ގިނަ މީހުންނަށް، ދުވަހުގެ ދިރިއުޅުން އެކުލެވިގެންވަނީ މަސައްކަތަށް ނުވަތަ ސްކޫލަށް ދިއުމާއި، އަދި ދެން ހުސްވަގުތު ހޭދަ ކުރުމަށްޓަކައި، ރަށުގެ ކެފޭތަކުގެ ތެރެއިން ކޮންމެވެސް ކެފޭއަކަށް ދިއުން ނުވަތަ ސައިކަލު ބުރު ޖަހަން ދިއުމުގެ މައްޗަށެވެ. ކެފޭތަކުން ވަކި މިންވަރަކަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް، ކެފޭތަކަށް ގޮސް ކޮފީ ބުއިމާއި ސައިކަލު ބުރު ޖެހުމަކީ ތަކުރާރުކޮށް ކުރުމަށް ޕްރޮޑަކްޓިވް ނުވަތަ އުފެއްދުންތެރި ކަންކަމެއް ނޫނެވެ. އަދި މީގެ އިތުރުން، ސައިކަލު ބުރުޖެހުމާ ރޭގަނޑު ކޮފީ ބުއިމަކީ އާރާމުކޮށް ހިތްހަމަޖެހުން ހޯދަންޖެހޭ ވަގުތުގައި އެކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލްވާކަމާމެދު ސުވާލުއުފެދޭ ކަންކަމެވެ.

ސައިކަލެއްގައި އިށީނދެ އިނުމުގައި، ދުއްވާ މީހާ ނުވަތަ ފަހަތުގައި އިންނަ މީހާވެސް، މުޅިން ރިލެކްސްވެ ނުވަތަ ބުރަކަށި ރަނގަޅަށް ސީދާކޮށް ބެހެއްޓޭ ގޮތަކަށް ނޫން ގޮތަކަށް އިންނަންޖެހެއެވެ. ދުވަސްވަމުން ދިޔަ ވަރަކަށް، މިކަމުގެ ސަބަބުން ޖިސްމާނީ އުނދަގޫތަކާއި ސިއްހަތާ ގުޅުންހުރި މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަންކަމެވެ. މީގެ އިތުރުން، ދުއްވާ މީހާ އަދި ފަހަތުގައި އިންނަ މީހާވެސް ލޮލަށް ނުފެނު ކަމުގައިވިޔަސް ސައިކަލުގެ ދުމަށް ހުށައެޅި، އެކަމުގެ ނޭދޭވޭ އަސަރުވެސް ސިއްހަތަށް ކުރާނެއެވެ. ސައިކަލު އިންޖީނުގެ އަޑު އަބަދުވެސް އިވެމުންދާތީ، ސިކުނޑި އަދި ހިއްސުތައް ހަރަކާތްތެރިވެ، ރިލެކްސްނުވެވޭ ޙާލަތެއްގައި ބާއްވައި، އެ އަޑާއި ވައިބްރޭޝަންތައް ޕްރޮސެސްކުރަމުންދާނެއެވެ. އަދި މީގެ އިތުރުން ލަސްގަޑިތަކުގައި ކޮފީ ބުއިމުން ރޭގަނޑުގެ ހަމަ ނިދި ނުލިބުން އަދި ޑީޕް ސްލީޕް ނުލިބުމަކީ އެކަށީގެންވާ ކަންކަމެވެ. ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި އާންމުކޮށް ހުސްވަގުތު ހޯދުމަށް މިހާރު ކުރެވޭ ކަންކަމަކީ ވިސްނިފައި އޮންނަ ގޮތާއި ހިލާފަށް އެކަށީގެންވާ ވަރަށް ހިތްހަމަޖެހުމާއި އަރާމު ނުލިބި، ޖިސްމާނީ އަދި ނަފްސާނީ ވަރުބަލިކަމަށް މަގުފަހިވާކަންކަމެވެ.

ތިންވަނަ ޖާގައެއް ނުވަތަ ތާރޑް ސްޕޭސްއެއްގެ ގޮތުގައި ލައިބްރަރީ ވުޖޫދަށް އަންނަނީ، މީހުން އެއްވެ، ދަސްކޮށް، އަދި މާ ފުރިހަމަ މާޙައުލެއްގައި ބައިވެރިވުމަށް ދަޢުވަތުދޭ ތަނެއްގެ ގޮތުގައެވެ. ހަމައެކަނި ފޮތުން ފުރިފައިވާ އިމާރާތަކަށްވުރެ އިތުރަށް، ކުޅުދުއްފުށީގެ މި އާ ޖާގައަކީ ދުޅަހެޔޮކަމަށް އަމާޒުކޮށްފައިވާ އިވެންޓްތަކާއި، އަދަބީ ބައްދަލުވުންތަކާއި، އަދި އުފެއްދުންތެރިކަމާއި އުގެނުމަށް ވަގުތުތަކެއް ހޭދަކުރުމަށް މަގުފަހިކޮށްދޭ މުޖުތަމަޢުގެ ބައިވެރިވުމުގެ ޙަރަކާތްތަކަށް މަރުކަޒަކަށްވެއެވެ. މިސާލަކަށް، ކުޅުދުއްފުށި އަދަބީ ބައްދަލުވުން ނުވަތަ 'ލިޓަރަރީ ސެލޯން' އަކީ ބައިވެރިވާ މީހުންނަށް ފުން މަޝްވަރާތަކުގައި ބައިވެރިވެ، ޚިޔާލު ބަދަލުކޮށް، އަދި އަދަބިއްޔާތާމެދު ވިސްނުމަށް މަގުފަހިކޮށްދޭ އެއްވުމެކެވެ.

މިއީ އަނެއްކާވެސް ކޮފީ ބޯން ދިއުމަށްވުރެ ނުވަތަ ވަރުބަލިކުރުވަނިވި ސައިކަލު ދުއްވުމަށްވުރެ އުފެއްދުންތެރި ކަންކަމަށް މަގުފަހިކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ޒުވާނުންނަށް، ލައިބްރަރީއަކީ ކެފޭތަކަށް ކޮފީ ބޯން ދިއުމުގެ އާދައިން ނުވަތަ މަޤްޞަދެއް ނެތި ސައިކަލު ބުރުޖެހުމުން ސަލާމަތްވުމަށް ލިބޭ މަގެކެވެ. މިއީ އެމީހުންނަށް އެކުވެރިންނާއެކު ބިނާކުރަނިވި މަޝްވަރާތަކަށް ބައްދަލުވެވޭ، ފޮތްތަކުން އާ ކަންތައްތަކެއް ދަސްކުރެވޭ، އަދި އާ ހުނަރުތައްވެސް ދަސްކުރެވޭ ތަނަކަށްވެއެވެ. ދުޅަހެޔޮކަމަށް އަމާޒުކޮށްފައިވާ އިވެންޓްތަކާއެކު - މިސާލަކަށް ނަފްސާނީ ޞިއްޙަތާ ބެހޭ މަޝްވަރާތަކާއި ސޭފް ސްޕޭސް އަދި އަދަބިއްޔާތާ ގުޅޭ މަޝްވަރާ ފަދަ - މީހުންނަށް އެމީހުންގެ ވަގުތު ނަފްސާނީ އަދި ޖިސްމާނީ ގޮތުން ރަނގަޅުވުމަށް ހޭދަކުރުމުގެ ފުރުޞަތު ލިބެއެވެ.

ލައިބްރަރީތައް ފަދަ ތިންވަނަ ޖާގަތަކުގެ ދައުރު މުޖުތަމަޢުގެ އިޙްސާސް އުފެއްދުމުގައި ވަރަށް މުހިންމެވެ. މިއީ ހުރިހާ ދާއިރާއެއްގެ މީހުންނަށް އެއްވެ، މަޢުލޫމާތު ޙިއްޞާކޮށް، އަދި އައު ގުޅުންތައް އުފެއްދޭ ތަނެކެވެ. ކުޅުދުއްފުށީގައި، މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކޮންމެވެސް ވަރަކަށް މަދުވެފައިވާތީ، މި ލައިބްރަރީ އައު ދިރުމެއް ތަޢާރަފުކޮށް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަގުތު މާ ބިނާކުރަނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހޮކޮށްދެއެވެ. ތަރައްގީ ގެނައުމުގައި ލައިބްރަރީ ފަދަ ތަންތަނަށް އިސްކަންދިނުމުން އަޅުގަނޑުމެންނަށް މާ ދުޅަހެޔޮ، މާ ބައިވެރިވަނިވި ކުޅުދުއްފުއްޓެއް އުފެދުމަށް އެހީވެދެއެވެ. މިއީ މީހުން ހަމައެކަނި ހުސްވަގުތު ހޭދަކުރާނެ އުފެއްދުންތެރި މަގެއް ކޮށައިދިން 'ތިންވަނަ ޖާގައެއް'ގެ އިތުރުން މީހުންގެ އުފެއްދުންތެރިކަމާއި ވިސްނުން ބިނާކުރުމަށް ހުޅުވިގެންދިޔަ ދޮރެކެވެ.

އެޑިޓަރުގެ ނޯޓް: ޢަބްދުﷲ އާދަމް (އެޑަމް) އަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްއެކެވެ. ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީއިން ސޯސިއޮލަޖީ، އިންޓަރނޭޝަނަލް ރިލޭޝަންސް އަދި ތިމާވެށީގެ ދާއިރާއިންނެވެ. މާސްޓަރސް ހާސިލްކޮށްފަވަނީ އެމެރިކާގެ ސިރެކިއުސް ޔުނިވާރސިޓީއިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުންނެވެ. އަދި އެމެރިކާގެ ސްޓޭޓް ޔުނިވާރސިޓީ އޮފް ނިއުޔޯރކް އިން އެންވަޔަރަމެންޓަލް ޑިސިޝަން މޭކިންގ ރޮނގުން ވެސް ޕޯސްޓް ގްރޭޑުއޭޓް ސްޓަޑީސް ވަނީ ހާސިލްކޮށްފައެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355