އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަނަވަން ނިންމަވައިފި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސްގެ އިތުރުން އެގައުމުގެ ބޮޑު ވަޒީރާއި، އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ދިވެހި ވަފުދުގެ މެހެމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުންނެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އަވައްޓެރި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ‘ކޮޕް-28’ ގެ ހަވާސާގައި އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވާ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސްއާ ބައްދަލު ކުރައްވާފަ އެވެ.