twitterviber whatsapp telegramfacebookyoutube instagram
18th October 2024

ރައީސަށް މަރުގެ އިންޒާރު ދިން މީހާ ރާއްޖެއަށް އައުމާއެކު ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Oct 9, 2024

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ، ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު، 40 އެވެ.

ފުލުހުން ބުނީ މިޔާދު ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އަދި އެ ނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ މައްސަލަ ތަހުގީގުކަރަމުން އަންނަ ކަމަށެވެ.

އޭނާ ހައްޔަރުކުރި އިތުރު ސަބަބުތަކެއް ކަމަށް ފުލުހުން ބުނެފައި ވަނީ ހަޑި ހުތުރު ބަހުން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުން ގެންދިއުމާއި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުން ގެންދިއުން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

"އަބްލޯ މިޔާދު ޔޫސުފް"ގެ ނަމުގައި ފޭސްބުކްގައި ހަރަކާތްތެރިވާ މީހަކު ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

މިޔާދުގެ އެކައުންޓްތަކަކީ އެތައްހާސް ބަޔަކު ފޮލޯކުރާ އެކައުންޓްތަކެކެވެ. އޭނާގެ ބައެއް އެކައުންޓްތަކަކީ 9،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355