ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ވެސް ވަގުތަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަމީން އެވެނިއު އިން ބައްސާމް ގަތް އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކުރަން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެ އެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ މިރޭ 12:00 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފަ އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި ހުޅުމާލެ ލޮޓް ނަމްބަރު އެން2-25 ގެ ބްލޮކް އޭ ގެ ދެ އެޕާޓްމަންޓެއް ރޭ 12:00 ގައި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި ދެ އެޕާޓްމަންޓް ބައްސާމް ގަނެފައިވަނީ ކޮވިޑް-19 ދުވަސްވަރު، ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާ އިން އެފްއޭއެމްއަށް ދޫކުރި ލޯނު ފައިސާ އިންނެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ދެ ޕެންޓްހައުސް ގަތުމަށް ބައްސާމް ވަނީ އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމީން ކޮންސްޓްރަކްޝަނަށް ދައްކައިފަ އެވެ. އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އަމިން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ނަމަވެސް ފައިސާ ދެއްކިކަމަށް ހެދުމަށް ލިޔެކިޔުން ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ފައިސާ ލިބުނު ކަމަށް ހެދުމަށް އެފްއޭއެމުން ވެސް އެހެން ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި އެ އަދަދާއި، އަމިން އިން އެފްއޭއެމަށް ފައިސާ ދެއްކި ކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރިސިޕްޓްތަކުގެ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ، ފުލުހުން ބުނި ގޮތުގައި ބެލެވެނީ އެފްއޭއެމުން މަސައްކަތް ކޮށްފައި ވަނީ ބައްސާމް އެޕާޓްމަންޓް ގަތުމަށް އަމީނަށް ޑޮލަރުން ދެއްކި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާއެއް ކަން ދެއްކުމަށެވެ.
އެ މައްސަލާގައި މިދިޔަ މަހު ފުލުހުން ވަނީ ބައްސާމްގެ މައްޗަށް ދައުވާކޮށްދޭން ވެސް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އަދި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ.