twitterviber whatsapp telegramfacebookyoutube instagram
18th October 2024

ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ: ނައިބު ރައީސް

Oct 16, 2024

ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށާއި ހަދިޔާކުރާ ލޭފޮދަކީ ތެލަސީމިއާކުދިން ދިރިހުރުމުގެ އުއްމީދުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާހުކުރުމަށް އަންގާރަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު އަލިއަޅުވާލެއްވިއެވެ. އެގޮތުން ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށާއި އަޅުގަނޑުމެން ހަދިޔާކުރާ ލޭފޮދަކީ އެކުދިންގެ ދިރިހުރުމުގެ އުއްމީދުކަމުގައި އެ މަނިކުފާނުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

އިހުގައި ބައެއް އާއިލާތަކުން، ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވާ މައްސަލަ ސައިންސްގެ އަލީގައި ދެނެގަނެވި، އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވިދާޅުވިއެވެ. އަދި ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވެ، އެ ފުރުސަތު ނައްތާލުމަށް، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވެ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ނައިބުގެ ވާހަކަގައި އަލިއަޅުވާލެއްވިއެވެ.

އެގޮތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމުގައި އެ މަނިކުފާނުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ދައްކަވަމުން ގެންދެވި އެންމެ މުހިންމު އެއް ވާހަކައަކީ އޭރުގައި އޮތް ސަރުކާރުން ސިއްހީ ނިޒާމަށް ވަމުންއައި އިހުމާލުގެ ވާހަކަ ކަމުގައި އެ މަނިކުފާނުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެން، މި ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ފައްޓަވާފައިވާކަމުގައި ނައިބު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ބެހިފައި އޮތްގޮތުންނާއި، ދަތުރުފަތުރު ހަމަޖެހިފައިވާގޮތުން ވަރަށް ދަތި އުނދަގުލުގައި، ބަލިތައް ދެނެގަތުމަށް ދަތުރުކޮށްފައި ދުރު ރަށްތަކަށް ދާންޖެހޭ ކަމަށާއި އެހެންކަމުން، ކަމެއް ދިމާވިޔަސް، މާލީ ހާލަތު ތަންދޭގޮތުންވިޔަސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ދަތި އުނދަގޫ ތަހަންމަލުކުރަން ޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ތަހުލީލު ކުރުމަށް އަމިއްލަ ރަށުގައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން އެ ލުއިފަސޭހަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވަމުންދާކަމުގައި ނައިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް، ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ.

އޭގެތެރޭގައި ހިދުމަތުގެ ފެންވަރު މަތިކުރުމާ ދެވޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ހިދުމަތް ބައްޓަންކޮށް، ދެވޭ ހިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތަޢާރަފްކޮށް ހިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355