އިބްރާހިމް ހަމީދު
ބަނދަރުގައި ހިމެނޭ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ބޯޑަރ ފުޓްސަލް ޗެލެންޖް 2011 ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
ކުރީ އަހަރުތަކުގައި ރީޖަނަލް ޕޯޓުގެ މުވައްޒަފުން އިންތިޒާމް ކުރަމުންދިޔަ މުބާރާތް މިފަހަރު ކުޅުދުއްފުށީ ކަސްޓަމްސް އިން އިންތިޒާމް ކުރާއިރު އިންޓަނޭޝަނަލް ބަނދަރުގައި މަސައްކަތް ކުރާ ތިން މުއައްސަސާކަމުގައިވާ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ މުވައްޒަފުންގެ ހިމެނޭގޮތަށް 5 ޓީމު ވާދަކުރާނެ އެވެ.
ކުޅުދުއްފުށީ ސްޓޭޑިއަމްގައި މިއަދު ހަވީރު ފެށުނު މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަޕަރ ނޯތް ހެލްތު ސަރވިސަސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަނެވެ. މުބާރާތް ހުޅުވައި ދެއްވުމުގެ ގޮތުން ޝަރަފްވެތި މެހެމާން މުބާރާތުގައި ހިމެނޭ ޓީމްތަކުގެ ކުޅުންތެރިންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ކަސްރަތުގެ މުހިއްމުކަމުގެ މައްޗަށާއި ކަސްރަތުން ލިބިދޭ ޖިސްމާނީ ފައިދާ ތަކުގެ އިތުރުން ނަފްސާނީ ފައިދާތަކުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވާލައި ވާހަކަ ދެއްކެވިއެވެ.
މިމުބާރާތުގައި މިއަދުކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ސިކަލް ޓީމާއި ވެލިއަންޓެސް ޓީމެވެ. މި މެޗް ކާމިޔާބުކުރީ 06 ލަނޑު 02 ލަނޑުން ސިކަލް ޓީމެވެ. ފުރަތަމަ މެޗްގެ މޭން އޮފް ދަ މެޗްގެ މަގާމަށް ހޮވުނީ ސިކަލް ޓީމުގެ ޖޯޒީ ނަމްބަރު 23 އަހްމަދު އާސިފްއެވެ. ދެވަނަ މެޗްގައި ބައްދަލު ކުރީ ބޯލް ކިކަރސް ޓީމާއި ޕެންޓަގަން ޓީމެވެ. މި މެޗު ކާމިޔާބުކުރީ 04 ލަނޑު 02 ލަނޑުން ޕެންޓަގަން ޓީމެވެ. ދެވަނަ މެޗްގެ މޭން އޮފްދަ މެޗުގެ މަގާމަށް ހޮވުނީ ޕެންޓަގަން ޓީމުގެ ޖޯޒީ ނަމްބަރު 17 އަޝްރަފް މުހައްމަދެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމަތު ދެއްވަމުން މިމުބާރާތް އިންތިޒާމް ކުރާ ކުޅުދުއްފުށީ ކަސްޓަމްސް ރިކުރިއޭޝަން ކުލަބުގެ ރައީސް މުހައްމަދު އާތިފް ވިދާޅުވީ މިމުބާރާތަކީ ބޯޑާރ ފުޓްސަލް ޗެލެންޖް 2011 ގެ ނަމުގައި އިންޓަރނޭސަނަލް ބަނދަރުގައި މަސައްކަތް ކުރާ ތިން މުއައްސަސާކަމަށްވާ ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑާއި އިމިގުރޭޝަން ޔުނިޓާއި ކަސްޓަމްސް ގުޅިގެން މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލަކޮށް ގުޅުން ބަދަހިކުރުމަށް ބޭއްވޭ މުބާރާތެއްކަމަށެވެ.
އާތިފް އިތުރަށް މައުލޫމާތު ދެއްވަމުން މިމުބާރާތުގައި ބައިވެރިވެފައިވާ މުއައްސަސާ ތަކުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރެއްވިއެވެ.