ނެއްލައިދޫ ސްކޫލް ތެރެއަށް ވެދެގެންދިޔައިރު މުޅި ސަރަހައްދު އޮތީ އިސްރަށްވެހިންނަށްޓަކާ ޒީނަތްތެރިކޮށް ނަލަކޮށްލާފަ އެވެ. އަތޮޅު ފެންވަރުގައި ފާހަގަކުރާ 'އިސްރަށްވެހިންގެ' ދުވަހަށް ނެއްލައިދޫ ސްކޫލް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފަ އެވެ. ފުރަތަމަވެސް މަރުހަބާ ކީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ފެނިގެންދާ ރީތި ގިޑިއަކުންނެވެ.
މުޅި ދުވަހު އުޑުމަތި ބަނަކޮށް ވިއްސާރަކުރިނަމަވެސް ރަށުގެ ހުރިހާ އިސްރަށްވެހިން ކަހަލައިން މި ހަވީރަށް ޒިޔާރާތްކޮށް ވަގުތު އުފާވެރި ވަގުތުކޮޅެއް ހޭދަކުރި އެވެ. ހަވީރުގައި އެންމެ ފުރަތަމަ އޮތީ އިސްރަށްވެހިންގެ ބަނޖާއި ރައިވަރު އަދި އެ މީހުން ދިރިއުޅުމުގައި ދިމާވެފައިވާ ހާއްސަ ވާހަކަތައް ހިއްސާކުރުމެވެ. ތާރީހީ މުހިންމު ވާހަކަތަކާއި ދިރިއުޅުމުގައި ދިމާވި ހާއްސަ ހާދިސާތަކުގެ ވާހަކައިން އެތަނުގައި ތިބި ޅަ ޖީލުގެ ސިކުނޑިތައް ތާޒާކޮށްލި އެވެ.
ތަފާތު އެކި ގޭމްސްތައް ހުރިއިރު ފަނުން ތަކެތި ވިޔުމުގެ ހަރަކާތްވެސް ކުރިއަށްދިޔަ އެވެ. ވަށި، ބޯޅަ، ދޫނި އަދި ތަފާތު އެކި ތަކެތި ފަނުން ވިޔުނުއިރު ކުޑަކުދިންނަށް އެކަން ތަޖުރިބާކޮށް ކައިރިން ބެލުމުގެ ފުރުސަތުދީ އެތަކެތި ވިޔަން ދަސްކުރަން މަގުފަހިކުރުވި އެވެ. އޮށްވަޅުގަނޑި އާއި ތާސް އަދި ރާޒުވާ އާއި ރުމާވައްޓަ ފަދަ ކުޅިވަރުތައް ކުޅެލައިގެން ތަފާތު ގިނަ ހަދިޔާތައް ލިބެ އެވެ. އަދި އުރީދޫގެ ސްޓޯލަކުން ދިޔައީ އެތަނަށް ޒިޔާރާތްކުރިން ހުރިހާ އިސްރަށްވެހިންނަށް ހަދިޔާ ބަހަމުންނެވެ.
ހަވީރަށް ޒިޔާރާތްކުރި ބައެއް އިސްރަށްވެހިންނާ ވާހަކަދައްކާލުމުން އެ މީހުން ބުނީ، އިސްރަށްވެހިންނަށް ހާއްސަކޮށް މިފަދަ ހަރަކާތްތައް އިތުރުކުރުން މުހިންމު ކަމަށެވެ. ގިނަ މީހުން ތިބެނީ ގޭގައި ކަމަށާއި މިފަދަ ހަރަކާތްތަކުން އެ މީހުން އެއްތަން ކުރުވައި އުފާވެރި ހިތްހަމަޖެހޭ ވަގުތު ހޯދައިދިނުން ރަނގަޅު ކަމަށެވެ. އިސްރަށްވެހިންނަށް ހާއްސަކޮށް މާގިނަ ހަރަކާތެއް ރާއްޖޭގައި ނޯނަކަން ފާހަގަކުރަމުން އެ މީހުން ބުނީ އެތައް ދުވަހަކު ގެއިން ނުނިކުންނަށް މީހުންވެސް ހަވީރުން ފެނުމުން ހިތްހަމަޖެހިއްޖެ ކަމަށެވެ.
އެއްފަރާތެއްގައި ވަރަށް ފޯރިގަދަކޮށް އޮބްސްޓިކަލް ރޭހެއް ކުރިއަށްގެންދިޔައިރު ބަރުދަން ބެލުމާއި ލޭގެ ޕްރެސަރާއި އިސްކޮޅު ބެލުމުގެ ހަރަކާތެއްވެސް ކުރިއަށްދިޔަ އެވެ. މި ހަވީރު ނިންމާލީ ސަޔަކުންނެވެ. އެތަނަށް ޒިޔާރާތްކުރި ހުރިހާ އިސްރަށްވެހިންނަށްވެސް ގިނަ އަދަދެއްގެ ހަދިޔާ ލިބުނެވެ. މިކަން އިންތިޒާމުކުރި ފަރާތްތަކަށް އެ މީހުންގެ ހިތަށް ވަނީ ޝުކުރުން ފުރިފަ އެވެ.
މިއީ ހދ ޗިލްޑްރެންސް ސާރވިސް ސެންޓަރާއި ދިވެހި ރެޑްކުރެންސެންޓް ނޯތު ރީޖަން އޮފީހާއި ފުލުހުން އަދި ނެއްލައިދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ވަރަށް ފުރިހަމަކޮށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިހަރަކާތް ވަރަށް ކާމިޔާބުކަން އެރަށު ކައުންސިލުންވެސް ފާހަގަކުރެ އެވެ.