އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޒާހިރެވެ. އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ދެ ބިލުގައި ބުނާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރުމަށް، ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަދި މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އަދި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.
މިވަގުތު އޭސީސީގެ ރައީސަކަށް ހުންނެވީ އާދަމް ޝާމިލްއެވެ. އޭނަ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ 17 މާޗް 2022ގައެވެ.
އީސީގެ ރައީސްގެ މަގާމުގައި ހުންނެވީ ފުއާދު ތައުފީގެވެ. ފުއާދުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24އަށް ހަމަވާތީ އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އަބްދުލް ހަސީބު އިސްމާއިލްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.