ނަރުހުންގެ މަސައްކަތުގައި ކުރިއަށްދާއިރު އަބަދުވެސް ހަނދާން ކުރަންވީ ތެދުވެރިކަމާއި އަމާންތެރިކަމާއެކު މަސައްކަތުގައި ސާބިތުވެ ތިބުމަށްކަމުގައި ވިދާޅުވެ ކޭއާރުއެޗުގެ ކްލިނިކަލް ނާރސް އިނާސާ މުހައްމަދު، ނަރުސްކަން ކިޔަވާ ދަރިވަރުންނަށް މުހިންމު ނަސޭހަތް ކޮޅެއް ދެއްވައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 60 ދަރިވަރުންނަށް އިގްރާރު ލައިދެއްވާ ވާހަކަފުޅު ދައްކަވަމުން އިނާސާ މުހައްމަދު ވިދާޅުވީ، ނާސިންގ ނަކީ ގޮންޖެހުންތައް ގިނަ އެހެނަމަވެސް އޭގައި އަގުނުކުރެވޭހާ އުނދަގޫ މަސައްކަތެއް ކަމަށެވެ.
ބަލި މީހުންގެ ހާލު ބަލައި ގަޑިން ގަޑިއަށް ބޭސްދީ އެ މީހުންނަށް ބޭނުންވާ ތަފާތު ހިދުމަތް ފޯރުކޮށްދީ ރެއާ ދުވާލު ނަރުހުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްތަކެއްކުރަމުން ކަމަށާއި އޭގެ އިތުރުންވެސް ބަލި މީހުންނަށާއި އެ މީހުންގެ އާއިލާއަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ނަރުހުންގެ ދައުރު ވަރަށް ބޮޑުކަމުގައި އިނާސާ ވިދާޅުވި އެވެ.
ނަރުސްކަން ކިޔަވާ ދަރިވަރުންނަށް ނަސޭހަތްތެރިވަމުން އިނާސާ ވިދާޅުވީ، އަބަދުވެސް ހަނދާން ކުރަންވީކަމަކީ ތެދުވެރިކަމާއި އަމާންތެރިކަމާއެކު މަސައްކަތުގައި ސާބިތުވެ ތިބުންމަށް ކަމަށާއި ބަލި މީހުންގެ ސިއްރުތައް ރައްކާތެރިވެ ހިފެހެއްޓުމަށެވެ. އަދި އެއްވެސް ހާލެއްގައި މީހަކަށް ގެއްލުމެއްދީގެން ނުވާނެ ކަމަށެވެ.
މަސައްކަތުގެ މާހައުލުގައި ފަންނީ އަހުލާގް އަބަދުވެސް ދެމެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމުގައި އިނާސާ ފާހަގަކުރެއްވި އެވެ. އަދި ދަރިވަރުންކުރާ މަސައްކަތް ކާމިޔާބުވުމަކީ އުންމީދެއް ކަމަށާއި އިހްލާސްތެރިކަމާއެކު މަސައްކަތްކޮށް އިންސާނިއްޔަތުގެ ނަމޫނާއަކަށްވުމަށް ދަރިވަރުން ކިބައިން އޭނާ އެދިލެއްވި އެވެ.
ނަރުހުންނަކީ ބަލި މީހުންނަށާއި އެ މީހުންގެ އާއިލާއަށް ހިތްވަރުދޭ އެހީތެރިއެއް ކަމަށާއި އަދި އުންމީދުތައް ގެނެސްދޭ ފަރާތެއްކަމަށެވެ. އިނާސާ އިތުރަށް ވިދާޅުވީ ހަމަ އެހެންމެ ބަލި މީހުންނަށް ހިދުމަތް ކުރުމުގެ އިތުރުން އާންމު ސިއްހަތު ކުރިއެރުމުގައިވެސް ނަރުހުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެގޮތުން ސިއްހަތާ ގުޅޭ ތަފާތު މައުލޫމާތުތައް ފެތުރުމުގައި އާއި ބަލިތަކުން ރައްކާތެރިވުމަށް މީހުން ހޭލުންތެރިކަން އިތުރުކުރުމުގައި ނަރުހުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.