ފިކުރީ ހަނގުރާމައަކީ މުޅި ދުނިޔޭގައިވެސް ރޭވިގެން ފުޅާދާއިރާއެއްގައި ހިންގާ ހަނގުރާމައެއްކަމަށާއި އެ ފަރާތްތަކުން އާންމުކޮށް ދީނީ ކަންކަމަކީ ތަކުލީފެއްކަމަށް ދައްކަން އުޅޭނެ ކަމަށެވެ. އަަދި ދީނީ ކަންކަމަކީ ތަކުލީފެއްކަމަށް ދައްކާ އަދި ނޭޗާރއަށް އަޅުކަންކުރުން ޕްރޮމޯޓްކުރަން އުޅެ އެއްކައުވަންތަކަމަށް އިންކާރުކުރުވައި މާއްދިއްޔާތުގެ ނަޒަރިއްޔާތުތަކަށް ހުށަހަޅާނެ ކަމަށެވެ.
މިއަދު ދުނިޔޭގައި ކުރެވޭ އެންމެ ނުރައްކާތެރި ހަނގުރާމައަކީ ކަނޑި ބަޑި ނުވަތަ ބޮންއެޅުމުގެ ހަނގުރާމަ ނޫންކަމަށާއި އެންމެ ނުރައްކާތެރި ހަނގުރާމައަކީ ފިކުރީ ހަނގުރާމަކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު މިފަދައިން ވިދާޅުވީ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މޭޔަރު ވިދާޅުވީ މިއަދު ނަޞްރުންގެ ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެންނާ ކަނޑިބަޑި އަދި މަތިން އައިސް ބޮންއެޅުމުގެ ހަމަލާދީ ދިމާނުކޮށްދާނެ ކަމަށާއި މިއަދު އަޅުގަނޑުމެންނާ ދިމާކުރަނީ މާ ނުރައްކާތެރިގޮތަކަށްކަަމަށެވެ. އެއީ މިއަދު ހަގީގަތުގައި ދުނިޔޭގައި ކުރެވޭ އެންމެ ނުރައްކާތެރި ހަނގުރާމައަކީ ފިކުރީ ހަނގުރާމަކަމަށެވެ
"ހާއްސަކޮށް ބުއްދިޔާއި ކުޅެލާ ހަނގުރާމަ، ބުއްދި ފިލުވައި ނުވަތަ އަޅުގަނޑުމެންގެ ސިކުނޑިތައް އެހެން ގޮތަކަށް އެހެން ބަޔަކު ބޭނުންވާ ގޮތަކަށް ބައްޓަންކޮށް އެ ބައެއްގެ އަތުގައި ރިމޯޓް ބާއްވައިގެން އަޅުގަނޑުމެންގެ ސިކުނޑިއާއި ކުޅުމުގެ ހަނގުރާމައެއް. މިއަދު ދިވެހިންނާވެސް އަދި ހާއްސަކޮށް އިސްލާމީ ދައުލަތްތަކާއި އިސްލާމުންނާ ކުރިމަތިވަމުންދަނީ. މިއަދު އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް އަޅުގަނޑުމެންގެ ދަރިން ފޯނުން ބަލަނީ ކޯޗެއްތޯ." މޭޔަރު ވިދާޅުވި އެވެ.
1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކާއި ބޭރުގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގުޅިގެން ކުރި ހަނގުރާމައިން ލިބުނު ނަޞްރަށް 36 އަހަރުވުމުގެ ކާމިޔާބީ ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ދިވެހި ގައުމުގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ލިޔެގެން އެ ދުވަސް ޅަދަރިންގެ ހިތްތަކުގައި ނަޞްރުގެ ދުވަހުގެ ރޫހު ނުވަތަ ނަޞްރަކީ ނުވަތަ ފަތަހައަކީ ކިހާ މުހިންމު ކަމެއްކަން ވިސްނައިދީ އެ ދަރިންގެ ހިތްތަކުގައި ހަރުލެއްވުންކަމުގަ އެވެ.
އެހެންކަމުން ފިކުރީ ހަނގުރާމައިގެ މިދުވަސްވަރު މިއަދުގެ ޅަދަރިން ފޯނުން ބަލަނީ ކޯޗެއްތޯ އާއި އެ ދަރިންނަށް މެސެޖްކޮށް ވާހަކަދައްކާހަދަނީ ކޮންބަޔަކާތޯ ބެލެނިވެރިން ސަމާލުވާން ޖެހޭކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިންނަށް ސަމާލު ނުވެއްޖެނަމަ ނަތީޖާއަކަށްވާނީ މުސްތަގުބަލުގެ ޖީލުތަކުގައި ގައުމިއްޔަތުގެ ރޫހު ނެތުން. މުސްތަގުބަލުގެ ޖީލުތަކުގެ ސިކުނޑިތައް އެހެން ބައެއްގެ ކޮންޓްރޯލްގެ ދަށަށްދިއުން، އެހެން ކަމުން އަޅުގަނޑު މިއަދު އެންމެހާ ބެލެނިވެރިންނާ އެންމެހާ ޓީޗަރުންނާއި އަދި އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން އެދޭ އެދުމެއް އެއީ ޅަދަރިންނަށް ސަމާލުވުން. އަޅުގަނޑުމެންގެ ޅަދަރިން ހާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބަލާއެއްޗެއްސަކީ ނުވަތަ އެދަރިންނަށް މެސެޖްފޮނުވާ ފަރާތްތަކަކީ ކޮންފަރާތްތަކެއްކަމަށް ސަމާލުވެ އެކަންކަމަށް ރައްކާތެރިވުން، ހާއްސަކޮށް ފިކުރީ ހަނގުރާމަ ހިންގާ ފަރާތްތައް ދުނިޔޭގައި ތަމްރީނުވެފައިވެސް އެބަތިބި." މޭޔަރު ވިދާޅުވި އެވެ.
ފިކުރީ ހަނގުރާމައަކީ މުޅި ދުނިޔޭގައިވެސް ރޭވިގެން ފުޅާދާއިރާއެއްގައި ހިންގާ ހަނގުރާމައެއްކަމަށާއި އެ ފަރާތްތަކުން އާންމުކޮށް ދީނީ ކަންކަމަކީ ތަކުލީފެއްކަމަށް ދައްކަން އުޅޭނެ ކަމަށެވެ. އަަދި ދީނީ ކަންކަމަކީ ތަކުލީފެއްކަމަށް ދައްކާ އަދި ނޭޗާރއަށް އަޅުކަންކުރުން ޕްރޮމޯޓްކުރަން އުޅެ އެއްކައުވަންތަކަމަށް އިންކާރުކުރުވައި މާއްދިއްޔާތުގެ ނަޒަރިއްޔާތުތަކަށް ހުށަހަޅާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ ނޮވެމްބަރު 3ގެ ބަތޮލަކީ ކުޅުދުއްފުށީގެ ދަރިޔަކަށްވީހިނދު އޮންނަންވާނީ ޝަހީދު ކޯޕަރަލް ހުސައިން އާދަމްގެ ޒިކުރާގައި ހަމައެކަނި ޖަލްސާއެއް، ނުވަތަ ހަމަ އެކަނި އިވެންޓްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީގައި ޝަހީދު ކޯޕަރަލް ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ގާއިމްކުރުމުގެ މަސައްކަތް މިހަފްތާ ހަވާލުކުރާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ކުޅުދުއްފުށީ އެއާޕޯޓްގެ ނަންވެސް ޝަހީދު ހުސައިން އާދަމްގެ ނަމަށް ބަދަލުކޮށްދިނުމަށް ނިންމުމެއް ނިންމާ ސަރުކާރަށް ދަންނަވާފައިވާނެ ކަމަށެވެ.