އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 7 ރަށެއް ކަނޑައަޅުއްވައި އިއުލާންކުރައްވައިފި އެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އާބަން ސެންޓަރެއް ތަރައްގީ ކުރެއްވުމެވެ.
އާބަން ސެންޓަރުތައް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ރައީސް ކަނޑައެޅުއްވި ނަންތައް އިއުލާން ކުރައްވާފައެވެ.
ރައީސް މުއިއްޒުގެ ގެދޮރުވެރި ކުރުމާއި އާބަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން މާލެއިން އުތުރުގެ 3 ރަށަކާއި މާލެއިން ދެކުނުގެ 4 ރަށެއްގައި މެދުމިނުގެ އިތުރު 7 އާބަން ސެންޓަރު ތަރައްގީކުރުމަށް ވަނީ ހިމަނާފައެވެ.
އެ އާބަން ސެންޓަރުތަކަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ހިދުމަތްތައް ލިބޭނެ ގޮތަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫއެކެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އާބަން ޑިވެލޮޕްމަންޓްގެ ބިލެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ.
ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްޤީ ހާސިލްވާގޮތަކަށް ކަންކަން ކުރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އާބަން ސެންޓަރުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ހިދުމަތްތައް ދެވޭނެކަމުގައި ވިދާޅުވެފައެވެ.
އަދި އާބަންސެންޓަރުތަކުގައި ސިއްހީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ހިދުމަތް ދެވެން ހުންނާނެކަމަށާއި އެގޮތުން އެކިކަހަލަ ތެރެޕީތައްވެސް ދެވޭނެކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ. އަދި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރައްވާނެކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.