ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ، އެ އަމަލެއް ހިންގި ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އިސްލާހު ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީން އިތުރު ދެ އިސްލާހު ގެނައުމަށްފަހުއެވެ. މި ދެ އިސްލާހު ވެސް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އިސްލާހުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމަށާއި، ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާކުރުމެވެ.
ފުރަތަމަ އިސްލާހަކީ ސިޔާސީ ޕާޓީއެއް ގާނޫނާ އެއްގޮތަށް އުވާލާނަމަ، އެ ޕާޓީގެ ނިޝާނާއި، ލޯގޯ ނުވަތަ ޕާޓީ ރަމްޒުކޮށްދޭ އެއްޗެއް، އެހެން ޕާޓީއަކުން ބޭނުންކުރެވޭނީ ޕާޓީ އުވާލާ ތާރީހުން ފެށިގެން ފަސް އަހަރު ފަހުންކަމަށް ހިމެނުމަށެވެ.
އެ ހުށަހެޅުން ފާސްވީ މުޅި މަޖިލީހުގެ ކޮމިޓީގެ 41 މެންބަރުންގެ އިއްތިފާގުންނެވެ.
ދެވަނަ އިސްލާހަކީ ސިޔާސީ ޕާޓީއެއް އުވާލުމުގެ މާއްދާގެ ހ. ގެ ހަތަރު ވަނަ މާއްދާ އުނިކުރުމެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީގެ ގައުމީ ބައްދަލުވުމެއް ނުބާއްވާނަމަ އިލެކްޝަންސް ކޮމިޝަންއިން އެ ޕާޓީއެއް އުވާލުމެވެ.
އެ ހުށަހެޅުން ފާސްވީ މުޅި މަޖިލީހުގެ ކޮމިޓީގެ 39 މެންބަރުންގެ އިއްތިފާގުންނެވެ.
މި ދެ އިސްލާހު ގެނެސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެއަށްފަހު މިއަދުގެ ވޯޓު ގަޑީގައި ކޮމިޓީން ގެނައި އިސްލާހުތަކާއެކު ބިލު ފާސްކުރީ 61 މެންބަރުންގެ ވޯޓާއެކުއެވެ. ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.
އިސްލާހުގައި ވާގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10ވަނަ މާއްދާ އުވާލަން ވަނީ ނިންމައިފައެވެ. އެއީ, ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއާ ބެހޭ މާއްދާއެވެ.
މީގެ އިތުރުން, ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.