twitterviber whatsapp telegramfacebookyoutube instagram
11th September 2026

ރޯދަ މަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް

Nov 18, 2024

ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދުގައި މަސްދަޅު ކޭހެއްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މަސްދަޅު ކޭހެއް ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާ އެކަން ރައީސް އިއުލާން ކުރެއްވީ ސަރުކާރަށް އެއް އަހަރުވުމުން އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އަންނަ ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެސްޓީއޯ މެދުވެރިކޮށް ވަމުންދާކަމަށެވެ.

"ކުރިއަށް އޮތް ރަމަޟާން މަހަށް އަޅުގަނޑުމެން ގަސްދުކުރަނީ، އެސްޓީއޯގެ އެމްޑީއަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް 5 ކިލޯ ދީފައެވެ.

އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މިއީ މީގެ ކުރީ ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.

އަދި މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފައެވެ. އެގޮތުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާކަމަށްވެސް ރައީށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293