މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމެނީ ގަބޫލުކުރައްވާ ސިޔާސަތުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، މިހާރު އޮތް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އާ މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނެއް ހެދުމަށް ވަނީ ހުށަހަޅާފައެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އަލަށް އުފެދިގެންދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުން ތިއްބަވާނެއެވެ. އޭގެތެރެއިން 4 މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާއިރު 3 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ. އަދި މިއާއެކު މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
މިއާއެކު މި ބިލަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާތަކުން ބިލަކީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމާށް ވިދާޅުވިއެވެ.
މި ބިލާއި ގުޅޭގޮތުން ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެމަނިކުފާނު ބަލައިގަންނަ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ.
"މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ޤަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން" ރައީސް ވިދާޅުވި އެވެ.
އެ ޖަލްސާއަށް ފަހު ނޫސްވެރިއަކު ވަނީ މިކަމާއި ގުޅޭގޮތުން އެމަނިކުފާނާއި ސުވާލުކުރައްވާފައެވެ. އެގޮތުން މިހާރު ޕީއެންސީ މެޖޯރިޓީއެއް އޮންނަ މަޖިލީހެއް އޮތުމާއެކު އެމަނިކުފާނު ވަނީ އެ ބިލު ބަލައިނުގަނެ ބޭރުކޮށްލާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލާއި ގުޅިގެން ތާފަތު ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، ބަންޑާރަ ނައިބުވެސް ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތެދު މަޢުލޫމާތު ހާމަކުރުމަށް ގޮވާލާ، މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މީޑިއާތައް ބާރުވެރިކުރުއްވުމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ހުށަހެޅިފައިވާ ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.