ދިވެހިރާއްޖޭގެ ބީޗް ހޭންޑްބޯލް ގައުމީޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުއްޓަށްވުރެ ވަކި ރަނގަޅު އެހެންތަނެއް މިވަގުތުނެތް ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ 8 ނޮވެންބަރުގައި ބީޗް ހޭންޑްބޯލް ގައުމީ ޓީމު އެކުލަވާލުމަށް އެކަމަށް ޝައުގު ހުންނަ ފަރާތްތަކަށް ކުރިމަތި ލުމަށް ހުޅުވާލާފައެވެ. ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެވައިވަނީ, 18 އަހަރު ފުރި އަދި އެ ކުޅިވަރަށް ލޯބި ހުރި ކޮންމެ ކުޅުންތެރި އަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ސެލެކްޝަން ހެދުމަށް ނިންމާފައިވާ ކަމަށެވެ. އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުގެ އެހީތެރިކަމާއެކު، ބޭރުގެ ކޯޗެއް ގެނެސްގެން ތަމްރީނުތަކެއް ހެދުމަށްފަހު ސިލެކްޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުޅުދުއްފުށީގައެވެ.
މޭޔަރު އާތިފް މިފަދައިން ފޭސްބުކްގައި ޕޯސްޓްކޮށްފައިވަނީ ބީޗް ހޭންޑްބޯލް ގައުމީޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ ހޭންޑްބޯލް ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ގެއްލި މާޔޫސްކަން ފާޅުކުރަމުންދާކަމަށް ބުނެ މީޑިއާތަކަކުން ހާމަކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.
އާތިފްގެ ޕޯސްޓުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބީޗް ހޭންޑްބޯލް ގައުމީޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީއަށްވުރެ ވަކި ރަނގަޅު އެހެންތަނެއް މިވަގުތުނެތް ކަމަށާއި ހޭންޑްބޯލް އެސޯސިއޭޝަންގެ ނިންމުމަކީ ވަރަށްވެސް ފުރިހަމަ ހިކުމަތްތެރި ނިންމުމެއް ކަމަށްވިދާޅުވެ އެ އެސޯސިއޭޝަނަށް ޝުކުރު ދަންނަވާފަ އެވެ. މޭޔަރު އިތުރަށް ވިދާޅުވީ މިއީ މިކުޅިވަރުގެ ކޮމިއުނިޓީއަށް އެންމެ އިންސާފުވެރި ނިންމުންކަމުގައިވެސް ދެކޭކަމަށެވެ.
މޭޔަރު ވިދާޅުވީ ބީޗް ހޭންޑްބޯލް ކޯޗިންކޭމްޕެއް ބައިނަލްއަގްވާމީ ކޯޗުންނާއިއެކު ކުރިއަށްގެންގޮސް ޓްރެއިނިން ލިބިފަތިބި ރާއްޖޭގެ ނިސްބަތުން މި ކުޅިވަރަށް މޮޅެތި ގިނަ ކުޅުންތެރިން ކުޅުދުއްފުށީގައި އެބަތިބިކަމަށާއި ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބީޗް ހޭންޑްބޯލް މުބާރާތް ބާއްވާފައިވާ ރަށަކީ ކުޅުދުއްފުށި ކަމަށެވެ.
އަދި މުޅިރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި މިއަހަރު ބޭއްވި ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގެ އެންމެ ޓޮޕްލެވެލް ކުޅުންތެރިން ތިބި ޓީމްތަކާއި ވާދަކޮށް ފަސޭހަކަމާއިއެކު ކުޅުދުއްފުށީ ޓީމް ކާމިޔާބުކުރުންވެސް މިއީ ކުޅުދުއްފުށީގައި މި ސެލެކްޝަން ހެދުމަށް ރަނގަޅު ސަބަބެއްކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް މާލޭގައި ހުރުމާ ކެއުމަށް ހޭދަކުރަންޖެހޭ މިންވަރަށްވުރެ ކުޑަ ޚަރަދަކުން ކުޅުދުއްފުށީގައި އެކަންކަން ހަމަޖެހޭނެ ކަމަށާއި ބީޗް ހޭންޑްބޯލް ކުޅެން އެކަށީގެންވާ ރަނގަޅު ކޯޓެއް ކުޅުދުއްފުށީގައި އޮތުންވެސް މިއީ މޭޔަރު ފާހަގަކުރެއްވި މުހިންމު ސަބަބެކެވެ.
ހޭންޑްބޯލް އެސޯސިއޭޝަންއަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ލިބި، (ޤައުމީ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ހަރަދު ސިޓީ ކައުންސިލުން ހަމަޖައްސަން މިހާރު ނިންމާފަކަމަށައި ޕްރެކްޓިސްއަށް ކޯޓު ތައްޔާރުކުރުމުގައި ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
އާތިފްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ނިންމުމަކީ ވަރަށްވެސް ފުރިހަމަކަމަށް ފާހަގަކުރައްވާ ފުރިހަމަ ހިކުމަތްތެރި ނިންމުމެއް ކަމަށްވިދާޅުވެ އެ އެސޯސިއޭޝަނަށް ޝުކުރު ދަންނަވާފަ އެވެ. މޭޔަރު އިތުރަށް ވިދާޅުވީ މިއީ މިކުޅިވަރުގެ ކޮމިއުނިޓީއަށް އެންމެ އިންސާފުވެރި ނިންމުންކަމުގައިވެސް ދެކޭކަމަށް ވިދާޅުވެފަ އެވެ.