ދިވެހި އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، ޕެންޝަން އަދި އާސަންދަ ކުރިއަށް އޮތް ތަނުގައި ނުކަނޑާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އއ.އަތޮޅަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ މަތިވެރީގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މިހާރު ރައްޔިތު މީހާއަށް ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް، އާމްދަނީ އިތުރުކޮށްދިނުން ކަމަށެވެ.
"ސިޔާސަތަކީ ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓު ވިޔަނުދީ، ގައުމަށް އިގުތިސޯދީ ގޮތުން ތަރައްގީ ގެނެސް، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްދިޔުން، ކުރިއަށް އޮތް ތަނުގައި އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއެއް ވެސް ނުކަނޑާނަން. އާސަންދައެއް ވެސް ނުކަނޑާނަން. ރިޓަޔާމަންޓް ޕެންޝަނެއް ވެސް ނުކަނޑާނަން. އަދި އެއަށްވުރެ ރަނގަޅުކޮށްދޭނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެ ބަދަލުގައި ބޭކާރު ވަމުންދާ އަދި ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ހަރަދުތައް ހުއްޓާލާ އެފަދަ ހަރަދުތައް އުނިކުރައްވާނެ ކަމަށެވެ.
މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ އާސަންދައިގެން ދަށުން އަގުބޮޑުކޮށް ބޭސް ވިއްކާ މައްސަލައެވެ. އެގޮތުން ބައެއް މީހުން އާސަންދައިގެން ދަށުން 1،000 ޕަސެންޓަށްވުރެ ބޮޑު ޕްރޮފިޓެއްގައި ނުހައްގު މަންފާ ހޯދުމަށް ބޭސް ވިއްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ހަރަދުތައް ހުއްޓުވައި އާސަންދަ ރިފޯމްކުރާނެ ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން އާންމުންނަށް އެއްވެސް އެއްޗެއް އުންޏެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެސްޓީއޯ ރޭޓުގައި އަގުހެޔޮކޮށް ބޭސް ލިބޭނެ ކަމަށް ވެސް އެކަމިނުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.
އެގޮތުން 2025ވަނަ އަހަރަށް ލަފާކޮށް މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަބްސިޑީއަށް ބޮޑު ބަދަލެއް ގެނައުމަށް ހިމަނާފައިވެއެވެ. އެ ބަދަލަކީ މިހާރު ކާޑާއި، ކަރަންޓު އަދި އެ ނޫންވެސް ބާވަތްތަކުން ދޭ ސަބްސިޑީ، އެއަށް ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް "ޓާގެޓަޑް ސަބްސިޑީ"ގެ ގޮތުގައި ލިބޭގޮތް ހެދުމެވެ.
އަދި އާސަންދައިގައި ބޮޑެތި މައްސަލަތައް ހުރުމާއެކު އާސަންދަ ރިފޯމްކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ވަނީ ފަށާފައެވެ.