ދިވެހިރާއްޖޭގެ ޒަކާތު ފަންޑުގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފިއެވެ.
މިދިޔަ މަހުގެ 27ގައި ރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު، ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
بدعم من @ZakatHouseMv انطلاق مشروع سقيا الماء بقطاع #غزة، حيث وزعت كوادرنا الميدانية 6000 صندوق مياه معدنية على الجرحى والمرضى في مستشفى الشفاء ومستشفى الحياة، ويقدر إجمالي صناديق المياه بـ 50 ألف صندوق، وسيساهم المشروع في تخفيف معاناة 60 ألف نسمة يعانون من انعدام خدمات المياه. pic.twitter.com/07tXEdFnjt
— Qatar Red Crescent | الهلال الأحمر القطري (@QRCS) December 16, 2024
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ.
ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ އެއް ލައްކަ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ގަތަރްގެ ރެޑް ކްރެސެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޒަކާތު ހައުސްގެ ފަންޑުގެ ދަށުން ވޯޓާ ސަޕްލައި ޕްރޮޖެކްޓެއް ޣައްޒާގައިި ލޯންޗްކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 6،000 ކޭސް ފެން އަލް ޝިފާ ހޮސްޕިޓަލާއި އަލް ހަޔާތް ހޮސްޕިޓަލުގައި ތިބި އަނިޔާ ލިބިފައިވާ މީހުންނާއި، ބަލި މީހުންނަަށްވެސް ބަހާފައިވާ ކަމަށާއި، 50،000 ފެން ފޮށިގަނޑު 60،000 މީހުންނަށް ބަހަން ނިންމާފައިވާ ކަމަށެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފަލަސްތީނު ރައްޔިތުންނަށް އެހީވުމަކީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.