އުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ އަހަރުގެ އޮގަސްޓް 18 އިން 20 އަށް ބާއްވަން ހަމަޖެހިފައިވާ ތެވެލި ކޮންފަރެންސްގެ އަންނަ އަހަރުގެ ތީމަކީ 'އިވޯލްވިން ޕެރެޑައިމްސް: މާޖިން ރިސާޗް، އެވިޑެންސް، އެންޑް ޕްރެކްޓިސް' އެވެ.
ތެވެލި ކޮންފަރެންސަކީ އާ އިލްމީ ހޯދުންތަކުގެ 'އަލިކަން' ނުވަތަ 'ތެވެލި' ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކަށާއި މުޅި ދުނިޔެއަށް ފެތުރުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެގޮތުން އެ ކޮންފަރެންސްގައި ދިރާސާ ކުރާ ފަރާތްތަކަށާއި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެފަދަ ސަގާފަތެއް ދަރިވަރުންގެ މެދުގައި އަށަގެންނެވުމާއި، ދިރާސާ ކުރާ ފަރާތްތަކާއި ބޭރުގެ ފުންނާބު އުސް ދިރާސާ ވެރިންނާ އެއް ޕްލެޓްފޯމަކަށް ގެނެސް ގުޅުވައިދީ ދިރާސާ ކުރުމުގެ އާ ގޮތްތަކާއި އާ ޚިޔާލުތަކަށް ފުރުސަތު ހުޅުވުމަށް މަގުފަހިކުރުމަކީވެސް އެ ކޮންފަރެންސްގެ މަގްސަދެއްކަމަށް އެމްއެންޔޫއިން މައުލޫމާތުދެ އެވެ.
އެމްއެންޔޫއިން ބުނީ ތެވެލި ކޮންފަރެންސްގައި ރާއްޖެއިންނާއި އެހެން ގައުމުތަކުން ބައިވެރިވާ މީހުންގެ އަަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް، އަންނަ އަހަރު އެމްއެންޔޫގައި ބެޗެލާސް ޑިގްރީ ކިޔަވާ ހުރިހާ ދަރިވަރުންނަށް ޚާއްސަކޮށްގެން ދަރިވަރުންގެ މެދުގައި ދިރާސާކޮށް، ސައިންޓިފިކް ޕޭޕަރު ލިޔުމާއި ސައިންޓިފިކް ޕްލްޓްފޯމްތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ގާބިލްކަން އިތުރު ކުރުމަށް ޓަކައި "ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމް"އެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީއިން ބުނެ އެވެ.
ތެވެލި ކޮންފަރެންސްގައި އެކި ދާއިރާތަކުން އިނގިރޭސި، ދިވެހި އަދި އަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެ ކަމަށާއި، އޭގެ ތެރެއިން 'އައުޓް ސްޓޭޑިން ޕޭޕާ' އާއި "އާލީ ކެރިއާ ރިސާޗާ" އެވޯޑު ހޮވާނެ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެ އެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗްގެ ތެވެލި ސްޕެޝަލް އިޝޫގައި އެވޯޑްތަކަށް ހޮވޭ ކަރުދާސްތައް ޕަބްލިޝް ކުރާނެއެވެ. އަދި ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތައް އެ ޖާނަލްގެ އެހެން އިޝޫތަކުގައި ޕަބްލިޝް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޔުނިވަރސިޓީއިން ބުނެފައިވެ އެވެ.
ތެވެލި ކޮންފަރެންސްގެ ސުންގަޑިތައް:
• އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚު: 31 މޭ 2025
• ފުލް ޕޭޕަ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚު: 30 ޖޫން 2025
• ޕްރެޒެންޓޭޝަންތައް ފޮނުވުމުގެ އެންމެ ފަހު ތާރީޚު: 31 ޖުލައި 2025
• ގައިޑްލައިންއާ އެއްގޮތަށް ތައްޔާރުކޮށް ޕްރިންޓްކޮށްފައިވާ ޕޯސްޓަރުތައް މައުންޓް ކުރުމަށްޓަކައި ރިސާޗް ޑިވްލޮޕްމަންޓް އޮފީހާ ހަވާލުކުރާ އެންމެ ފަހު ތާރީޚު: 13 އޮގަސްޓް 2025
• ޕޯސްޓް ކޮންފަރެންސް ސެޝަންތަކުގައި ބައިވެރިވުމަށް ރެޖިސްޓާ ވުމަށް ހުޅުވާލުން: 5 ޖުލައި 2025
• ޕޯސްޓް ކޮންފަރެންސްގައި ބައިވެރިވުމަށް ރެޖިސްޓާ ވުމުގެ އެންމެ ފަހު ތާރީޚު: 5 އޮގަސްޓް 2025
އެމްއެންޔޫއިން ބުނީ ތެވެލި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތު، އެ ޔުނިވަރސިޓީގެ ވެބްސައިޓުންނާއި 3345424 އަށް ގުޅައިގެން، އަދި [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށެވެ.
ތެވެލި ކޮންފަރެންސްއަކީ އެމްއެންޔޫއިން 2017 ވަނަ އަހަރުން ފެށިގެން ބާއްވަން އަންނަ ކޮންފަރެންސްއެކެވެ.