ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފުރާވަޑައިގެންފި އެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް އެސްޓޯނިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދައުވަތަކަށެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި، މިއީ ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފެއް ކުރައްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ރައީސްގެ ދަތުރުފުޅުގައި ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާތައް ކުރާނެ ކަމަށާއި އެ މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާނީ ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނެންސްގެ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި އާއި އެކިއެކި މިނިސްޓަރުންނާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ. އެ ގައުމުގެ ބައެއް މުހިންމު ތަންތަން ވެސް އެ މަނިކުފާނު ވަޑައިގަންނަވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.
ރައީސާ އެކު، މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެސްޓޯނިއާ އަކީ ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާބަލާއިރު، އާބާދީގެ ގޮތުން ކުޑަ ނަމަވެސް، އީޖާދީ ދުރު ވިސްނޭ މީހުންނަށް ފުރުސަތު ދީގެން ވަރުގަދަ ޑިޖިޓަލް އިގުތިސާދެއް ގާއިމްކޮށްފައި އޮތް ގައުމެކެވެ. އަދި، އަމިއްލަ ވިޔަފާރިތަކަށް އެންމެ ފަހި މާހައުލު އޮތް ގައުމުގެ ގޮތުގައި މުޅި ދުނިޔެ މަޝްހޫރު ގައުމެކެވެ.
ރާއްޖޭގައި ޑިޖިޓަލް އިގުތިސާދެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދެކެވެ. އެހެންވެ، މިއީ އެކަން ހާސިލްކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގައި ވަރަށް މުހިންމު ދަތުރުފުޅަކަށް ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.