ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް، ކުރިނބީ ކައުންސިލްގެ ރައީސް އަބުދުﷲ އަސްލަމް އިންތިހާބުކުރައްވައިފި އެވެ. މިއީ މި ދައުރުގައި އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރެވުނު 4 ވަނަ ބޭފުޅާ އެވެ. އަސްލަމަކީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވުމުންނެވެ.
އަތޮޅު ކައުންސިލްގެ އާ ރައީސް މުހައްމަދު ވަހީދު ރިޔާސަތު ބެލެހެއްޓިވި މި ޖަލްސާގައި ނައިބު ރައީސްގެ މަގާމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަންފާޅުކުރެއްވީ އަސްލަމް އެކަންޏެވެ. އަސްލަމްއަށް ތާއިދު އޮތްތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން އެވަގުތު ޖަލްސާގައި ތިއްބެވި 11 މެންބަރު ވޯޓްދެއްވީ ފެންނަ ކަމަށެވެ.
13 މެންބަރުން ތިއްބަވާ އެ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އާއި ވައިކަރަދޫ ކައުންސިލްގެ ރައީސެވެ.
އަތޮޅު ކައުންސިލްގެ ފުރަތަމަ ނައިބު ރައީސްކަމުގެ މަގާމަށްވެސް އަސްލަމް ވާދަކުރެއްވި އެވެ. އެހެންނަމަވެސް އެފަހަރު އެ މަގާމު ކާމިޔާބުކުރެއްވީ ކުމުންދޫ ރައީސް އަމީން މުހައްމަދެވެ. އަމީން ނައިބު ރައީސްގެ މަގާމު އިސްތިއުފާދެއްވީ އަތޮޅު ކައުންސިލްގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެވޭތީ އެވެ.
އެއަށްފަހު އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރެއްވީ ހަނިމާދޫ ރައީސް އަބްދުއްސައްތާރެވެ. އޭނާ އިންތިހާބުކުރެއްވީ 2023 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ކުރީކޮޅު އެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އިތުބާރު ނެތްކަމަށް ފާސްކޮށް ސައްތާރު ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރެއްވި އެވެ. އެއަށްފަހު ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ހިރިމަރަދޫ ރައީސެވެ. އޭނާއަކީ މިހާރު އަތޮޅު ކައުންސިލްގެ ރައީސެވެ.