ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދެއްވުމަކީ އެ މަނިކުފާނުގެ އަޒުމު ކަމަށާއި އެއީ އެކަމަށް ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ ކަންކަމަކީ އެ މަނިކުފާނު އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ އަދި ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ކަންކަން ކަމަށެވެ.
އެހެންވެ، ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ވަރުގެ ގާބިލުކަން އުފައްދަން މި މަސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ދެގުނަކޮށް، ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތާއި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެެ.
"ކޯސްޓްގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޓު ސްކޮޑްރަން 3 ނޮވެމްބަރު 2024 ގައި ވަނީ އުފައްދައި ހިދުމަތަށް ނެރެފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވައިގެ މަގުން ގައުމު ދިފާއުކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. މިދިޔަ އަހަރުގެ މާޗު 15 ގައި އެމްއެންޑީއެފް އެއާކޯ އުފެއްދި ސަބަބަކީ ވެސް ޒަމާނީ އަސްކަރީ ގާބިލުކަން އިތުރުކުރުން ކަމަށާއި އެއާ އެކު އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ހިދުމަތް ފެށުމުން، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ބޭރުގެ އުޅަނދުތަކެއް ވެސް، އެ ވެހިކަލްތަކުގެ އެހީގައި ހޯދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއާ ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.